ކުޅިވަރު

ލައުޓާރޯ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް


އިންޓަމިލާނުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒަށް އަނިޔާވެ މަހެއްހާ ދުވަސް ވަންދެން ނުކުޅެ ހުންނަން ޖެހިއްޖެ އެވެ.

އޭނާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އަތުން އިންޓަ ހަތަރު ލަނޑު ތިން ލަނޑުން ބަލިވި މެޗުގަ އެވެ. މި މެޗުގައި އިންޓަމިލާން ބަލިވި ނަމަވެސް މާޓިނޭޒް ދެ ގޯލު ޖެހި އެވެ.

އިންޓަމިލާނުން ބުނީ އެ ޓީމުގެ ކެޕްޓަންގެ ވާތު ކުޑަކަޅުވާ އަށް އަނިޔާވެފައިވާ ކަމަށާއި މިކަން ކަށަވަރުވީ މެޗަށް ފަހު ހެދި ސްކޭންތަކުން ކަމަށެވެ. އަދި މި އަނިޔާ ރަނގަޅުވާނީ ކިހާ ދުވަހަކުން ނިންމަން އަދި އަވަސް ކަމަށެވެ.

"މަދުވެގެން މަހެއްހާ ދުވަސްވާނެ ކަމަށް މި ބަލަނީ. ބޮޑަށް ބެލެވެނީ އޭނާ އަށް ދެން އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ މަހު އޮންނަ ފީފާ އިންޓަނޭޝަނަލް ބްރޭކަށް ފަހު ކަމަށް. މި ގޮތުން ބަލާއިރު ޑިސެމްބަރު މަހު ކުޅުންތެރިޔާ ފިޓްވެގެން ކުޅޭނެ ކަމަށް ބުނެވިދާނެ،" އިންޓަމިލާނުން ބުންޏެވެ.

އުމުރުން 29 އަހަރުގެ ލައުޓާރޯ އަކީ އިންޓަމިލާނުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އެވެ. މިވަގުތު އިންޓަމިލާނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި އަނިޔާގެ ސަބަބުން އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގުގެ ވެސް މުހިންމު މެޗުތަކެއް އޭނާ އަށް ގެއްލޭނެތީ އެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގައި މި މަހުގެ 31 ވަނަ ދުވަހު ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ވެސް ހިމެނެ އެވެ.

ދިފާއީ ޗެމްޕިއަން އިންޓަމިލާން މިވަގުތު އޮތީ އިޓާލިއަން ލީގުގެ އެއްވަނާގަ އެވެ. ޓީމު އެއްވަނާގައި އޮތުމުގެ އެންމެ މުހިންމު ސަބަބަކީ އޭނާ ޖަހައިދީފައިވާ ގޯލުތަކެވެ.

ކޯޗު ކްރިސްޓިއަން ޗިވޫ ބުނީ ލައުޓާރޯ ނެތުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަން ފޫ ނުބެއްދޭނެ ކަމަށެވެ.
"އޭނާ އަކީ ވަރަށް ގޯލާ ރައްޓެހި ކުޅުންތެރިއެއް. ފޫ ނުބެއްދޭނެ ސަބަބަކީ މިއީ. އޭނާ އަކީ ކޮންމެ ވަގުތެއްގައި ޓީމު މޮޅު ކޮށްދޭނެ ކުޅުންތެރިޔާ. މިސީޒަނުގައި ވެސް މިހާތަނަށް މުހިންމު ގޯލުތަކެއް ޖަހައިފި،" ޗިވޫ ބުންޏެވެ.