މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ 2025ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ޙިއްޞާދާރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އެމްޓީސީސީއިން ވިދާޅުވީ އެ ކުންފުނީގެ 2025ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އޮކްޓޫބަރު 29 ވަނަ ދުވަހުގެރޭ 20:30ގައި ކަމަށެވެ. އަހަރީ އާންމު ޖަލްސާގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަހަރީ އާންމު ޖަލްސާގައި 2025ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެއެވެ.
މީގެއިތުރުން 2026ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ހޮވައި އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުން އައްޔަންކުރުންވެސް އަހަރީ އާންމު ޖަލްސާގައި އޮންނާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީގެ 2025ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެހައި ޙިއްޞާދާރުން މިމަހުގެ 27ވަނަ ދުވަހުގެ 20:30ގެ ނިޔަލަށް ރަޖިސްޓްރީކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.