ޚަބަރު

ސާފްގެ ކުރިން ރާއްޖެއިން ތައިލެންޑުގައި ކޭމްޕް ކުރަނީ


  • ތައިލެންޑް ކޭމްޕުގައި 2 މެޗު ކުޅޭނެ

  • ސާފަށް ތައްޔާރުވާން ރާއްޖެއިން ވަނީ މިދިޔަ މަހު ތިން މެޗު ކުޅެފައި

ސާފްގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުން ތައިލަންޑްގައި ކޭމްޕް ކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުން ތައިލަންޑްގައި ކޭމްޕް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތާރިގް ވިދާޅުވެއްޖެއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ސަރަހައްދީ ގަދަ ބާރު އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ތިން މެޗު ކުޅެފައެވެ. އެއީ ޗައިނާއާ ކިރިގިސްތާން އަދި ލެބަނަންއާ ދެކޮޅަށެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމު އެކުލަވާލުމަށް ކުޅުނު ތިން މެޗު ކަމަށް ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވީ، ގައުމީ ޓީމުން މި މަހުގެ 26 ނޫނީ 27 ގައި އިންޑޮނޭޝިއާގައި ކޭމްޕް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެގައުމުގެ ފެޑަރޭޝަނާއެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ތައިލަންޑުގައި ކޭމްޕް ކުރަން މަސައްކަތް ކުރަމުން އަންނައިރު، ތޯރިގް ވިދާޅުވީ، ސާފްގެ ކުރިން އިންޑޮނޭޝިއާ ކޭމްޕުގައި އެކޮޅުގައި ދެ މެޗު ކުޅެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ދެ މެޗު ވެގެންދާނީ ގައުމީ ޓީމަށް ސާފްގެ ކުރިން ކުޅެން ލިބޭ މުހިންމު ދެ މެޗު ކަމަށް ތޯރިގް ވިދާޅުވިއެވެ.

މި ފަހަރުގެ ސާފް މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ލައްވާލައިރު، ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

އެންމެ ފަހުން 2022 ވަނަ އަހަރުން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.