ތުރުކީވިލާތުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްތަންބޫލަށް، ފާއިތުވި 80 އަހަރުގެ ތެރޭގައި ނުވެހޭ މިންވަރަށް ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 3 މީހުން މަރުވެ، އިތުރު 5 މީހަކު ގެއްލިއްޖެއެވެ.
ބުދަ ދުވަހުގެ ހެނދުނުން ފެށިގެން އެ ހިސާބައް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އުޅަނދުތައް އޮޔާގޮސް، އަސާސީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
އިސްތަންބޫލްގެ ގަވަރުނަރު ދާވޫދު ގުލް ވިދާޅުވި ގޮތުގައި، މިއީ 1942 ވަނަ އަހަރު ވާރޭވެހޭ މިންވަރު ރެކޯޑުކުރަން ފެށި ފަހުން އެ ސަރަހައްދަށް މިހާ ބޯކޮށް ވާރޭވެހުނު ފުރަތަމަ ފަހަރެވެ. ފެންބޮޑުވުމުގެ ސަބަބުން އެކި އަވަށްތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާއިރު، ފެނުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މި ހާދިސާތަކުގައި ކާގިތާނޭ އަވަށުގެ ޕާކެއްގެ ކައިރިން މަރުވެފައިވާ ފިރިހެނަކު ފެނިފައިވާއިރު، ބަލާތު ސަރަހައްދުގައި ފެންގަނޑުގެ ތެރެއިން ހިނގާފައި ދަނިކޮށް ކަރަންޓުގައި ޖެހި 14 އަހަރުގެ ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ. މީގެއިތުރުން ބޭކޯޒް އަވަށުގައި ފެންބޮޑުވެފައިވާ ވަޅަކަށް ވެއްޓި އިތުރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ގެއްލިގެން ހޯދަމުންދާ 5 މީހުން ހޯދުމުގެ މަސައްކަތް ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން މިހާރުވެސް ދަނީ ކުރިއަށެވެ. އިސްތަންބޫލްގެ އިތުރުން ކައިރީގައިވާ ކޮޖައޭލީ އަދި ސަކާރިޔާ އަވަށްތަކުގައި ވެސް މި ވިއްސާރައިގެ އަސަރު ބޮޑުވެ، މީހުންގެ މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ތުރުކީވިލާތުގެ ކާރިސާތަކާ ބެހޭ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ފެންބޮޑުވުމާ ގުޅޭ 1،277 ހާދިސާއަކާއި، ކަނޑުއޮޅިތަކާއި ކޯރުތަކުގެ އައްސޭރިފަށް ކަނޑައިގެން ދިއުމުގެ 15 ހާދިސާގެ އިތުރުން، އެކި ތަންތަނުގައި މީހުން ތާށިވުމުގެ 47 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ. މި ނުރައްކާތެރި ޙާލަތާ ގުޅިގެން އިސްތަންބޫލްގެ ސްކޫލްތައް އަންނަ ހޯމަ ދުވަހާ ހަމައަށް ބަންދުކޮށް، ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިސްތަންބޫލް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އޮތް 43 ފްލައިޓެއް އެހެން އެއާޕޯޓުތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.