ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފުލުހެއްގެ ގައިގައި ޖެއްސީ ގަސްތުގައިކަމަށް ބެލެވޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ސީޕީ އާއްމު ކުރެއްވި ބަޔާނެއްގައި ވަނީ، ސިނަމާލެ ބުރިޖު ހައިވޭގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޤާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ކުށްވެރިކުރައްވާފައެވެ.
ރޭ ފަތިހު 04:29 ހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި، ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސުމުގެ ސަބަބުން، ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސްފައިވާކަމަށާއި، އެ ފުލުސް މީހާގެ ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ސީޕީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ޚާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުމަށް ކޮށްފައިވާކަމެއްކަން ހާމަވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިއީ އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީގެ ބަޔާނުގައި ވިދާޅުވީ މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލު ދުއްވާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައިކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ ސައިކަލުގައި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ސައިކަލު ޖައްސާފައިވާކަމަށާއި، އެއާއެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ސައިކަލުޖެހުނުކަމަށް ސީޕީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން، މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލްގައި ތިބި ދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ސީޕީ ހާމަކުރެއްވިއެވެ. އަދި އެ އަމަކުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ސީޕީ ވިދަޅުވީ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ޤާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހޭނެކަމަށެވެ.
ފުލުހުން ޚިދުމަތުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ސީޕީވަނީ ދެއްވާފައެވެ. ހަމައެއާއެކު، ފުލުހުން މިހާރު ފަށާފައިވާ ޚާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހޭނެކަން ސީޕީ ފާހަގަކުރެއްވިއެވެ. މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ސީޕީ ދެއްވިއެވެ. މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެކަމަށް ސީޕީ ވިދަޅުވިއެވެ.