އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި ބޮސްޓަން ސެލްޓިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރި މެޗު އޯވަރ ޓައިމް ކުޅެގެން ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.
ފިލަޑެލްފިއާގެ އެކްސްފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗު ސެލްޓިކްސް އިން ކާމިޔާބު ކޮށްފައިވަނީ 125 ޕޮއިންޓް 120 ޕޮއިންޓުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި ސެލްޓިކްސް އިން 6 ޕޮއިންޓްގެ ލީޑެއް ނެގިއިރު ދެވަނަ ކުއާޓަރގައި ސެވަންޓީ ސިކްސަރސްއިން ދެއްކި މޮޅު ކުޅުމާއެކު ފުރަތަމަ ހާފު ނިންމާލީ 2 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގެ ތިންވަނަ ކުއާޓަރގައި ސެވަންޓީ ސިކްސަރސްއިން އިތުރު 8 ޕޮއިންޓްގެ ލީޑެއް ނަގާ އެކުއާޓަރ ނިންލާލީ 10 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. ނަމަވެސް ހަތަރު ވަނަ ކުއާޓަރގައި ސެލްޓިކްސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށް ކުއާޓަރ ނިމިގެންދިޔައީ 115 ޕޮއިންޓް 115 ޕޮއިންޓުން ދެޓީމުގެ އެއްވަރު ވެގެންނެވެ. އަދި މިގޮތުން ކުޅުނު އޯވަރ ޓައިމްގައި ސެލްޓިކްސް އިން ކުރި ހޯދީ 10 ޕޮއިންޓް 5 ޕޮއިންޓުންނެވެ. މިމެޗުގައި ސެލްޓިކްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ޖޭސަން ޓެޓުމް ނުކުޅެއެވެ.
މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި 21 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގާ 3 އެސިސްޓް ކުރި ހޫގޯ ގޮންޒާލޭޒްއެވެ. މީގެއިތުރުން ރޮން ހަރޕަރ ޖޫނިއަރ 16 ޕޮއިންޓް ހޯދައިދިން އިރު މިލޯސް އުޒާން 14 ޕޮއިންޓް އެޓީމަށް ހޯދައިދިނެވެ. މިމެޗުގައި ސެވަންޓީ ސިކްސަރސްއަށް ބަލާލާއިރު އެޓީމުގެ މުހިންމު ހުރިހާ ކުޅުންތެރިންވަނީ ފެނިގެން ގޮސްފައެވެ.
މިގޮތުން މިމެޗުގައި އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 5 އެސިސްޓް ކުރި ޖޮއެލް އެމްބިޑްއެވެ. މީގެއިތުރުން ޓައިރީސް މެކްސީ 22 ޕޮއިންޓް ހޯދައިދިން އިރު ޖޭލެން ބްރައުންވަނީ 20 ޕޮއިންޓް ހޯދައިދީފައެވެ. އަދި މިމެޗުގައި އެޓީމަށް ލެބްރޮން ޖޭމްސްވެސް ކުޅެފައިވެއެވެ. މިއީ މިފަހަރުގެ ޕްރީ ސީޒަންގައި ސެލްޓިކްސް އިން ކުޅެ އަދި މޮޅުވި ހަތަރުވަނަ މެޗެވެ.
މިމުބާރާތުގެ ޕްރީ ސީޒަންގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބު ކުރީ ވޮރިއަރސްއެވެ. ސެން ފްރަންސިސްކޯގެ ޗޭސް ސެންޓަރގައި ކުޅުނު މިމެޗުގައި ވޮރިއަރސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި ވޮރިއަރސްއިން 9 ޕޮއިންޓްގެ ލީޑެއް ނެގިއިރު ފުރަތަމަ ހާފް ނިންމާލާފައިވަނީވެސް އެލީޑުގައި އޮވެގެންނެވެ. އަދި ތިންވަނަ ކުއާޓަރގައި އިތުރު ފަސް ޕޮއިންޓްގެ ލީޑެއް ނަގާ 14 ޕޮއިންޓަށް ލީޑު ފުޅާކުރިއެވެ. މިމެޗުގެ ފަހު ކުއާޓަރގައި ޓްރެއިލް ބްލޭޒަރސްއިން ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވޮރިއަރސްގެ ލީޑު ކުޑަކުރެވޭވަރުވީ 10 ޕޮއިންޓަށެވެ.
މިމެޗުގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގާ 5 އެސިސްޓް ކުރި ތަޖްރިބާކާރު ކުޅުންތެރިޔާ ސްޓެފަން ކަރީއެވެ. މީގެއިތުރުން ބްރެންޑިން ޕޮޑްޒިއެމްސްކީ އާއި ޔެކްސްލީ ލެންޑެބޯގް އިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ 17 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. ޓްރެއިލް ބްލޭޒަރސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ 3 އެސިސްޓް ކުރި ޑެމިއަން ލިލާޑްއެވެ. އަދި ޖާ މޮރާންޓް އެޓީމަށް 19 ޕޮއިންޓް ހޯދައިދިން އިރު ސްކޫޓް ހެންޑަރސަންވަނީ 17 ޕޮއިންޓް ހޯދައިދީފައެވެ.
މިމުބާރާތުގެ ޕްރީ ސީޒަންގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެޓްލާންޓާ ހޯކްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 135 ޕޮއިންޓް 111 ޕޮއިންޓުން ހޯކްސް ކާމިޔާބު ކުރިއިރު ޑެންވަރ ނަގެޓްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. އޯލާންޑޯ މެޖިކް އާއި މައާމީ ހީޓް ބައްދަލުކުރި މެޗު 136 ޕޮއިންޓް 115 ޕޮއިންޓުން މެޖިކް ކާމިޔާބު ކުރިއިރު މިލްވައުކީ ބަކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 127 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބު ކުރީ ބަކްސްއެވެ.
މީގެއިތުރުން ޑެޓްރޮއިންޓް ޕިސްޓަންސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 125 ޕޮއިންޓުން ޕިސްޓަންސް މޮޅުވިއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 126 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސްޕަރސްއެވެ. މެމްފިސް ގްރިޒްލީސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 117 ޕޮއިންޓް 98 ޕޮއިންޓުން ގްރިޒްލީސް ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރި މެޗު 133 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބުލްސްއެވެ. އަދި ޔޫޓާ ޖޭޒް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކޮސްފައިވަނީ ޖޭޒްއެވެ.