އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާ ނަން ނަގަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެ ގައުމުން ނަން ނުނަގާ ކަމަށާއި، މުބާރާތުގައި ވާދަކުރާނެ ކަމަށް ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) އިން ބުނެފިއެވެ.
އިންޑިއާ އިން އަންނަނީ އަންނަ މަހުގެ ފީފާ ބްރޭކުގައި ނިއުޒިލަންޑްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތައްޔާރުވަމުންނެވެ. އެހެންވެ، އެގައުމުން މި ފަހަރުގެ ސާފަށް ނެރޭނީ ޒުވާން ޓީމެވެ.
އިންޑިއާއިން ނިއުޒިލަންޑާ ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ 12 އަދި 15ގައެވެ. މިއީ އިންޑިއާއިން ނިއުޒިލަންޑުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އިންޑިއާއިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާ ގުޅިގެން ސާފް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނާ ސާފް އިން ވާހަކަ ދައްކާފައިވާ ކަމަށާއި، އެގައުމުން މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ.
ސާފުން ނެރުނު ބަޔާނުގައި ވަނީ ހަގީގަތް ނޭނގޭ ވާހަކަތައް މީޑިއާތަކުން ރިޕޯޓް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ތައްޔާރީތައް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ފަހަރުގެ މުބާރާތުގައި އިންޑިއާ ހިމެނިފައިވަނީ ރާއްޖެއާ އެއް ގްރޫޕެއްގައެވެ. އިންޑިއާގެ އިތުރުން ގްރޫޕް ބީގައި ދެން އޮތީ ރާއްޖެއާ ޕާކިސްތާނެވެ.
އިންޑިއާއިން 2018 ވަނަ އަހަރުގެ މުބާރާތައް ވެސް ފޮނުވީ ޒުވާން ޓީމެކެވެ. އެފަހަރުގެ ފައިނަލުގައި އިންޑިއާ ވަނީ ރާއްޖެ އަތުން ބަލިވެފައެވެ.