އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް އާއި ދެކޮޅަށް މެންޗެސްޓާރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗުން ޔުނައިޓެޑް އެއްވަރުވެފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 6 މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ޔުނައިޓެޑުން ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އެ ޓީމުގެ ކޯޗު މައިކަލް ކެރިކަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.
ލީޑްސްގެ އީލޭންޑް ރޯޑްގައި 36 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ލީޑްސް އިންނެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗަށްފަހު އެ ޓީމުގެ ވެރިންނަށް ފާޑު ކިޔާފައިވާތީ ޑިފެންޑާރ ލިސަންދްރޯ މާޓިނޭޒް ޖުރިމަނާކޮށްފައިވީ ނަމަވެސް ޓީމުގެ ފުރަތަމަ 11 އިން އޭނާއަށްވަނީ މި މެޗުގައި ފުރުސަތު ދީފައެވެ.
ލީޑްސް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 6 ވަނަ މިނިޓުގައި ޑޮމިނިކް ކެލްވަޓް ލެވިން ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.
މި ނަތީޖާ އާއިއެކު ލީޑްސްއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 7 ވަނަ މަގާމު ލިބިފައެވެ. މެންޗެސްޓަރ ޔުނިއިޓެޑަށް 7 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އޮތީ ތާވަލުގެ 13 ވަނައިގައެވެ.