ޚަބަރު

ޣައްޒާގައި ގައުކުނޑިތަކުގެ ތެރެއިން ނެގި 75 މީހުންގެ ޖަނާޒާ ބާއްވައިފި


ޣައްޒާގެ ސުންނާފަަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ހުރި ގިނަ ޢަދަދެއްގެ ހަށިތަކެއް ނަގައި، ޝަހީދުވި މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ހަމަލާތައް ދޭން ފެށި ފަހުން ޝަހީދުކޮށްލާފައިވާ 75 މީހެއްގެ ހަށިތައް މި ފަހުން ވަނީ ނަގައިފައެވެ. އެތައް ސަތޭކަ ބަޔަކު ވަނީ އެ މީހުންގެ ޖަނާޒާގައި ބައިވެރިވެފައެވެ. އެ މީހުން ވަޅުލާފައި ވަނީ ޝައިޚް ރަޟްވާން ސަހަރާގައެވެ.

ޣައްޒާގެ މަދަނީ ދިފާޢުގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރ އަބްދުالله އަލް-މަޖްދަލާވީ ވިދާޅުވީ ޖަނާޒާ ބާއްވާފައި ވަނީ ފާއިތުވި ހަފްތާތަކުގައި ދަރާޖް އަވަށުގެ ސުންނާފަުތިވެފައިވާ ގެތަކުގެ އަޑިން ނަގާފައިވާ މީހުންގެ ކަމަށެވެ. އެ މީހުންނަކީ ގާތްގަނޑަކަށް 20 ޢާއިލާއަކަށް ނިޞްބަތްވާ މީހުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޢުދުވާން ފެށިތާ ކުރީކޮޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވަޅުލި ހަށިތަކުގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންގެ ހަށިތަކެވެ. އެ މީހުން ޝަހީދުވެފައި ވަނީ އެ މީހުންގެ ގެތަކުގައި ތިއްބާ ހަމަލާ ދިނުމުންނެވެ.

ގައުކުނޑި ފުނިތަކުގެ ދަށުގައި ތާށިވެފައިވާ ހަށިތައް ނެގުމުގައި ހުރި ބޮޑެތި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް އޭނާ ވާހަކަދައްކަވާފައިވެއެވެ. އެ މަސައްކަތް އުނދަގޫ ވަނީ އެ ކަމަށް ބޭނުންވާ ސާމާނާއި މެޝިނަރީ ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ އިދާރާތަކުން ލަފާކުރާ ގޮތުގައި 8،000އަށްވުރެ ގިނަ މީހުންގެ ހަށިތައް އިމާރާތްތަކާއި ގައުކުނޑީގެ ދަށުގައި ތާށިވެފައި އަދިވެސް އެބަ ހުއްޓެވެ. ޣައްޒާގައި ގެއްލުން ލިބިފައިވާ އަދި ސުންނާފަތިވެފައިވާ 200،000އަށްވުރެ ގިނަ އިމާރާތް ހުރިއިރު، މަދަނީ ދިފާޢުއިން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ހަށިތައް ނެގުމަށް ފުރަތަމަ ހިންގި ޙަރަކާތުގައި ޖުމްލަ 892 މީހުންގެ ހަށިތައް ނަގާފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ދެވަނަ ޙަރަކާތް ފަށާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާއިރު، މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް އަމާޒުވަމުންނެވެ.

ހަނގުރާމަ ފެށުނު ފަހުން އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 74،475 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،400 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ.