އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ގެ ނިޔަލަށް ރާއްޖެއަށް 1,703,169 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,758,659 ފަތުރުވެރިންނާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ.
މިމަހުގެ އަދަދުތަކަށް ބަލާއިރު، މިހާތަނަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އޮކްޓޫބަރު މަހުގެ ފުރަތަމަ 17 ދުވަސްތެރޭ ރާއްޖެއަށް 100,148 ފަތުރުވެރިން އައިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 99،268 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިންގެ އަދަދަށްވަނީ %0.5 ކުރިއެރުމެއް ލިބިފައެވެ.
މި މަހުގެ އަދަދުތަކަށް ކުރިއެރުން ލިބިފައިވާއިރު، ހޮނިހިރުދުވަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދުވަހު ރާއްޖެއަށް 8,621 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ ފެބުރުވަރީ މަހުގެ ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހުއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5998 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
* ޗައިނާ: 320,962 ފަތުރުވެރިން
* ރަޝިއާ: 242,491 ފަތުރުވެރިން
* އިނގިރޭސިވިލާތް: 126,789 ފަތުރުވެރިން
* ޖަރުމަނުވިލާތް: 110,184 ފަތުރުވެރިން
* އިޓަލީވިލާތް: 102,008 ފަތުރުވެރިން
މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަނީ ކޮށްފައެވެ. ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިންގެ އަދަދުތައް ރަނގަޅުވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއަރލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.