ރަޝިއާގެ މަސްލަޙަތުތަކަށް އިސްކަންދެވޭ ގޮތަށް، ހަތަރު އަހަރުވީ ޔޫކްރެއިން ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު އަންނަ މަހު ސަމިޓެއް ބޭއްވުމަށް ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުން ލިބިފައި ވަނީ އޮކްޓޫބަރު 9 ގައި ޓްރަމްޕާއެކު ދެއްކެވި ފޯނު ކޯލުގައި ކަމުގައި ރަޝިއާގެ ކުރީގެ ޖާސޫސީ އޮފިސަރަކު ބުންޏެވެ. ދެ ޤައުމުގެ ގުޅުން ބަދަހިވަމުން އަންނަ މި ދަނޑިވަޅުގައި، އެމެރިކާއިން ވަނީ ރަޝިއާއިން ޑީސަލް ގަތުމުގެ އެއްބަސްވުމެއް އިޢުލާނުކޮށް، ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އަމުރެއްގައި ސޮއިކޮށްފައެވެ.
މި ތިން ބޭފުޅުންގެ ބައްދަލުވުން ބޭއްވުމަށް ކްރެމްލިނުން ހުށަހެޅީ ޗައިނާގެ ޝެންޒެންގައި ނޮވެންބަރު 18 އިން 19 އަށް ބާއްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓުގެ ހަވާސާގައެވެ. މި ފަދަ ބައްދަލުވުމެއް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވެ، ކްރެމްލިންގެ ތަރުޖަމާނު ދްމިތުރީ ޕެސްކޯވް ވިދާޅުވީ "މި ފަދަ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ތިން ބޭފުޅުން ވެސް ޤަބޫލުކުރެއްވި ނަމަވެސް، ބައްދަލުވުމާ ގުޅޭގޮތުން ނުވަތަ އެޖެންޑާއާ މެދު އަދި ސާފު އެއްބަސްވުމަކަށް ނާދެވޭ" ކަމުގައެވެ. އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕް އަދި މި ބައްދަލުވުމަށް ރަސްމީކޮށް އެއްބަސްވެވަޑައިނުގެންނެވި ނަމަވެސް، އެ ހުށަހެޅުމާ މެދު އޭނާ ވިސްނަވާފާނެ ކަމުގައެވެ.
މި ކަމާ ގުޅިގެން ވައިޓް ހައުސްއާއި ކްރެމްލިން އަދި ވޮޝިންޓަނުގައި ހުންނަ ރަޝިއާއާއި ޗައިނާގެ ސަފާރާތަކުން ބަހެއް ބުނެފައެއް ނުވެއެވެ. އަނެއްކޮޅުން، ޓްރަމްޕް ޑީސަލް ގަތުމަށް ނިންމެވި ނިންމެވުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެއްވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ކަމުގެ ސަބަބުން ޕުޓިންއަށް އިތުރު ހިތްވަރެއް ލިބި، މި ހަނގުރާމަ އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައި ވިދާޅުވެ، ޒެލެންސްކީ ވަނީ އިންޒާރު ދެއްވާފައެވެ.