ކުޅިވަރު

ތާއީދު ހޯދަން އިންފަންޓީނޯ ބަންގްލަދޭޝް އާއި ބޫޓާނަށް


ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި ތާއީދު ހޯދެއްވުމަށް އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ ބޫޓާނާއި ބަންގްލަދޭޝްގެ ފުޓްބޯޅައިގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރަން ފަށައިފިއެވެ.

މިގޮތުން އިންފަންޓީނޯ ވަނީ އާދިއްތަ ދުވަހު ބަންގްލަދޭޝް އަށް ވަޑައިގެން އެއާޕޯޓުގައި ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. އަދި ރަސްމީކޮށް ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާމެދު ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އޭނާގެ ކުއްލި ދަތުރުފުޅަށްފަހު ރަސްމީކޮށް ވަޑައިގަންނަވާނެ ދުވަހެއް އަދި މުޅިން ފައިނަލް ނުވެއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އިންފަންޓީނޯ ބަންގްލަދޭޝްގައި މަޑަކުރެއްވީ ބޫޓާނަށް ވަޑައިގަތުމުގެ މަގުމަތީގަ އެވެ. އޭނާ ބޫޓާނަށް ވަޑައިގަތުމުން އެ ގައުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި ބޫޓާނުގެ ގްރާސްރޫޓް ފުޓްބޯޅަ އެކަޑަމީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަށްފަހު ރަސްމީކޮށް ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެ ގައުމުގެ މަޝްހޫރު ކުޅިވަރެއް ކަމަށްވާ ދުނި އުކުމުގެ ހަރަކާތެއްގައި ބޫޓާންގެ ރަސްމީ ސަގާފީ ހެދުމެއްގައި ބައިވެރިވަޑައިގަތެވެ.

އަދި އޭނާ ވަނީ ރަސްމީކޮށް ފީފާ ހިމާލަޔާ ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން އިއުލާނު ކުރައްވައި އެކަމަށް ފީފާގެ ފުރިހަމަ އެއްބާރުލުމާއި މާލީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކޮށްދީފައެވެ.

"އަހަރެން ފީފާގެ ރައީސް ކަމަށް އައިއިރު ކޮންމެ ގައުމަކަށް ލިބެނީ އެއް މިލިއަން ޑޮލަރު. މިހާރު ކޮންމެ ގައުމަކަށް ކުރިއަށް ހަތަރު އަހަރު ތެރޭގައި 25 މިލިއަން ޑޮލަރު ލިބޭނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ މިފަދައިން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ފީފާގެ ކޮންމެ މެމްބަރު ގައުމަކަށް ހަތަރު އަހަރުން 25 މިލިއަން ޑޮލަރު ދެއްވުމަށް ފީފާގެ ކައުންސިލުން ވެސް ލަފާދީފައިވަނިކޮށެވެ.

ޔޫރަޕާއި ކޮންކާކަފާއި އޭޝިއާގެ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ އަންނަ މާޗު މަހު އޮންނަ އިންތިހާބުގައި ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ ހޮވުނަ ނުދިނުމަށެވެ.

އެއީ ވޯލްޑް ކަޕަށް ފަހު ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އޭގެ ހިއްސާ ވިޔަފާރިވެރިންނަށް ވިއްކާލަން އަމިއްލަ އަމިއްލަ ކުރި ކަންތައްތަކާހުރެ އިތުބާރު ނެތް ކަމަށް ބުނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ކެނޑިޑޭޓަކު ފައިނަލް ނުކުރެވިގެން އުޅޭއިރު އިންފަންޓީނޯ ވަނީ އޭނާގެ ކެމްޕޭން ވަރުގަދަ ކޮށްފައެވެ.

މި ގޮތުން އޭނާ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އޭޝިއާ ބައިބައިކުރުމަށެވެ. މި ގޮތުން ދެކުނު އޭޝިޔާ ނުވަތަ ސާކުގެ ހަތް ގައުމުގެ ތެރެއިން ބޫޓާނާއި ސްރީލަންކާ ވަނީ އޭނާ އަށް ވޯޓުދޭނެކަން އިއުލާނުކޮށްފައެވެ.

ބާކީއޮތް ފަސް ގައުމުގެ ތެރެއިން ގިނަ ގައުމުތައް ވެސް ނުސީދާކޮށް އިންފަންޓީނޯއާއެކު ތިބޭނެކަމުގެ އިޝާރާތް ލިބިފައިވާ ކަމަށް ދުނިޔޭގެ މީޑިއާތަކުން ތުހުމަތު ކުރެއެވެ.