ޚަބަރު

އެމެރިކާގެ ދިފާއީ ވަޒީރު ކުއްލި ގޮތަކަށް ނަތަންޔާހޫއާ ބައްދަލުކުރައްވައިފި


އީރާނާ ދެކޮޅަށް އަސްކަރީ ވަރުގަދަ ޙަރަކާތްތަކެއް އަލުން ފެށުމާމެދު އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތާ ދެމެދު މަޝްވަރާކުރެވެމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު، ކުރިން އިޢުލާންކުރެއްވުމަކާ ނުލައި ޔަހޫދީންގެ ދައުލަތަށް ވަޑައިގެން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ މަޢުލޫމާތު އެނގޭ އިސް ދެ މަސްދަރަކާ ހަވާލާދީ 'އެކްސިއޯސް' ނޫހުން ބުނި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ޔަހޫދީ ދައުލަތުގެ ދެކުނުގައި އޮންނަ ވައިގެ މަރުކަޒުގައެވެ. އެއީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓުފަހަރާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް މިހާރުވެސް ބޭނުންކުރަމުން އަންނަ މަރުކަޒެކެވެ.

މެދުއިރުމަތީގެ އަސްކަރީ ޙަރަކާތްތައް ވިލަރެސްކުރާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ސިފައިންނާ ބައްދަލުކުރެއްވުމަށްފަހު، ހެގްސެތު ވަނީ މީސްމީޑިޔާގައި ފޮޓޯތަކާއެކު މެސެޖެއް ހިއްސާކުރައްވައިފައެވެ. އެގޮތުން ސެންޓްކޮމްގައި ޚިދުމަތްކުރާ އެމެރިކާ ސިފައިންނާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެއީ ތާރީޚީ މިޝަނެއް ފުރިހަމަކުރަމުންދާ އެމެރިކާގެ އެންމެ ހުނަރުވެރި ފަހުލަވާނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހެގްސެތުގެ މި ކުއްލި ދަތުރުފުޅު ކުރައްވާފައި މިވަނީ، މި ހިނގާ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށް އެންމެ 8 ދުވަހަށް ވެފައިވަނިކޮށެވެ.

މީގެއިތުރުން، މި ދަތުރުފުޅު ދިމާވެފައިވަނީ އިންތިޚާބާ ގުޅުވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނަތަންޔާހޫއަށް ފުރިހަމަ ތާޢީދު އޮތްކަން އިޢުލާންކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' އެކައުންޓުގައި ލިޔުއްވި ދިގު މެސެޖެއްގައި، ނަތަންޔާހޫ އަލުން އިންތިޚާބުވުމަށް ފުރިހަމަ ތާޢީދު އޮތްކަން ހާމަކުރައްވައި، އީރާނާ ދެކޮޅަށް ނަތަންޔާހޫ ގެންގުޅޭ ސިޔާސަތަށް ވަނީ ތަޢުރީފު ކުރައްވައިފައެވެ.

އަދި ޔަހޫދީ ދައުލަތުގެ ރައްޔިތުން އެހެން ވެރިޔަކު އިޚްތިޔާރުކޮށްފިނަމަ، އެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެމެރިކާއިން އެކަނި ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރުވެސް ދެއްވާފައެވެ.

ހެގްސެތުގެ މި ދަތުރުފުޅާއި ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ އަދި ޔަހޫދީ ދައުލަތުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.