ޚަބަރު

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • 5 ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެ

  • 10 ނޮވެންބަރުގެ މެންދުރު 2:00ގެ ކުރިން ހުށަހަޅަންޖެހޭނެ

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް، އަލަށް ވިޔަފާރި ފެށުމަށް ނުވަތަ އިތުރަށް ވިޔަފާރި ފުޅާކުރުމަށް 500،000 (ފަސް ލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ ޚާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓަރޝިޕް ސަޕޯޓްވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ. އާންމު ފަރުދުންނާއި، އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ، ސްޓާޓަޕް ގްރާންޓަށް އެދި 10 ނޮވެންބަރުގެ މެންދުރު 2:00ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ، 2022 ވަނަ އަހަރުގައެވެ.

މި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.