ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުކޮށްލައިފިއެވެ.
ޔަހޫދީން ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުއްޖަކާއި ދެމަފިރިން ހިމެނެއެވެ. ދެމަފިރިން ޝަހީދުވީ ޣައްޒާ ސިޓީގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަށް ދިން ހަމަލާއެއްގައެވެ. އަދި 17 އަހަރުގެ ފިރިހެން ކުއްޖާ ޝަހީދުވީ ޤީޒާން އައްނައްޖާރު އަވަށުގައި ޔަހޫދީން ދިން ބަޑީގެ ހަމަލާއެއްގައެވެ. އޭގެ އިތުރުން ޒައިތޫންގައި ވެސް އެކަކު ޝަހީދުކޮށްލާފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނީ ހަމަލާތައް ތިން އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު، މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސްއާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. ހަނގުރާމަ ފެށުނު ފަހުން އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 74،000 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،500 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ.
ޝަހީދުވި ދެމަފިރިންގެ ޢާއިލާއިން ވެސް ބުނީ އެއްބަސްވުމެއްގެ ދަށުން ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް އެކަން ޢަމަލުން ނުފެންނަ ކަމަށެވެ. އަދިވެސް ޔަހޫދީންގެ ޢުދުވާންތައް ދަނީ ކުރިއަށް ކަމަށާއި މީހުން ކަތިލުމާއި ހަމަލާ ދިނުން އަދިވެސް ނުހުއްޓޭ ކަމަށް އެ ޢާއިލާއިން ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން އާރާސްތު ކުރުމަށް ގޮވާލި ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރުމުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.