އެމެރިކާގެ މެދު ދައުރުގެ އިންތިޚާބާ ދިމާކޮށް މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް އީރާނުން ގަސްދުގައި ދިގުދައްމަމުންދާ ކަމަށާއި، އީރާނުން ތައްޔާރުވަމުންދަނީ އެމެރިކާއިން އަނެއްކާ ވެސް އައު ހަމަލާތަކެއް ދީފަނެކަމަށް ކަމަށް އީރާނުގެ އިސް އޮފިޝަލުންތަކެއް ނުރަސްމީކޮށް ވިދާޅުވެއްޖެއެވެ.
އީރާނުގެ ތިން އޮފިޝަލަކު ވިދާޅުވީ 8 މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް މިހާތަނަށް ނުގެނެވި މަޝްވަރާތަކުން ވެސް ކުރިއެރުމެއް ލިބެމުން ނުދާތީ، އެއްބަސްވުމަކާ ހަމައަށް އަވަހަށް އާދެވޭތޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަލުން ހަމަލާ ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނޮވެމްބަރު 3ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން އެމެރިކާއިން އީރާނަށް ހަމަލާ ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ތައްޔާރުވަމުން ދަނީ އެމެރިކާއާއި ޔަހޫދީންގެ ފަރާތުން އައިސްދާނެ އައު ހަމަލާއަކަށް ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނޫން ކަމަށް އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރަކު ވިދާޅުވީ އީރާނުން ޢަމަލުކުރަމުންދާ ގޮތަކީ ޤާނޫނާ ޚިލާފު ޢަމަލެއް ނުކޮށް އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވޭނެ މޮޅު އުކުޅެއް ކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ފެށި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަޤުބޫލުކަން ވަނީ ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައެވެ. ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ކުރިއަށް އޮތް އިންތިޚާބުގައި ހިތްހަމަނުޖެހިފައިވާ އެމެރިކާގެ ރައްޔިތުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއާ ދެކޮޅަށް ވޯޓުދިނުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން ސިޔާސީ ގޮތުން ޓްރަމްޕްއަށް ކާމިޔާބު ލިބުމަށް އީރާނުން ނޭދޭތީ، އިންތިޚާބުގެ ކުރިއަށް ހަނގުރާމައިގެ ޙާލަތު ރަނގަޅު ކުރުމަށް އީރާނުން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެއެވެ.
ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ދަނީ އިންތިޚާބަށް ފަހު ތެލުގެ އަގުތައް ދަށަށް ދާނެ ކަމަށެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތަކާއި، ހަނގުރާމަ ފެށުނީއްސުރެ އީރާނުން ހިޞާރުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އެމެރިކާއިން ޢަމަލުކުރާނެ ގޮތަކާ ގުޅޭ ތަަފްޞީލީ މަޢުލޫމާތު އޭނާ ރައްޔިތުންނަށް ފޯރުކޮށްދެއްވާފައެއް ނުވެއެވެ.