22 ފުލުހުންނާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ 17ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފިއެވެ.
މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެންނެވެ.
މި މަހު 19 އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން، ލ. ގަމުގައެވެ. މި ކޯހުގައި ބައިވެރިވަނީ ތ. އަތޮޅުން 9 ފުލުހުންނާއި ލ. އަތޮޅުން 13 ފުލުހުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވައެެވެ.
މި ކޯހަކީ ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމަށް ފަރުމާ ކުރެވިގެން، ހުރިހާ ރީޖަންތަކެއްގައި ތިބި ސާޖަންޓް އަދި ސީނިއަރ ސާޖަންޓް ރޭންކުގެ ފުލުހުންނަށް ހާއްސަކޮށްގެން، އެ ރީޖަންތަކުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. މި ކޯހުގައި، ފަސްޓްލައިން މެނޭޖަރުންގެ ލެވެލްގައި ޤާނޫން ތަންފީޒުކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި، ހުނަރާއި، މައުލޫމާތު ލިބިގެންދެއެވެ.
ފަސްޓްލައިން މެނޭޖްމަންޓް ކޯހުގައި ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓާއި ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕާއި ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ އާއި، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ގެ އިތުރުން ކޯހުގައި ކިޔަވައިދެވޭ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންދާނެއެވެ. އަދި ޕްރެޒެންޓޭޝަން ހުނަރާއި ވާހަކަދެއްކުމުގެ ހުނަރު އުނގަންނައިދޭނެއެވެ.
އޭގެ އިތުރުން، ކޯސް ނިންމާ ބައިވެރިންނަކީ ޑްރިލްގެ ކޮމާންޑުތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ ގޮތުން ޑްރިލް ކްލާސްތަކުގެ އިތުރުން، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން 7 ކިލޯ މީޓަރުގެ ދުވުމެއް ކުރިއަށް ގެންދާނެއެވެ.
ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ދެއްކެވި ވާހަކަފުޅުގައި، ފަސްޓްލައިން މެނޭޖަރސްއަކީ މުއައްސަސާގެ މެނޭޖްމަންޓު އަދި ފްރޮންޓްލައިން އޮފިސަރސް ގުޅުވައިދޭ ބުރިޖް ކަމަށްވުމާއެކު ހުރިހާ ބައިވެރިންނަކީ ވެސް ނަމޫނާ ފުލުހުންނަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ވެސް ޕްރޮފެޝަނަލްވުމައެކު ނަޒާހާތްތެރިކަން އިސްކޮށް، އަޚުލާގު ރަނގަޅު އަދި ކިޔަމަންތެރި ފުލުހުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދެއްވިއެވެ.
މީގެ އިތުރުން ޕްރޮގްރާމް ނިމިގެންދާއިރު ލީޑަރޝިޕް ހުނަރުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކަންކަން ހައްލުކުރާނެ ގޮތްތައް ދަސްވެގެން ދާނެކަންވެސް ނަޝްވާ ފާހަގަކުރެއްވިއެވެ. އަދި ކޯހުގައި ލިބިގެންދާ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ހެޔޮ ބަދަލެއް ގެނައުމަށް ބުރަކޮށް މަސައްކުރުމަށާއި އެކުވެރިންނަށް ބޯލަނބައި ކިޔަމަންތެރި ބައެއްގޮތުގައި ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.