އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އިއްޔެ ފުރަތަމަ ކިޔުން އިއްވި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދުއެވެ.
މި ބިލު ބަލައިގަންނަން ފެންނަ ކަމަށް 39 އަދި ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓުދެއްވިއެވެ. ބިލުގެ އިބްތިދާއީ ބަޙުސްގައި ބިލު ހުށަހެޅުއްވި މެމްބަރު ޙަސަން ވަހީދު ވިދާޅުވީ، މި ބިލުގެ ސަބަބުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމަށް މަގުފަހިވާނެކަމަށެވެ.
މި ބިލު ތަންފީޒުކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު މިއީ ދަޢުލަތަށް ފައިދާވާނެ ބިލެއްކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާކޮށްފައިވެއެވެ.
"އިންޓްރެސްޓް ޚަރަދު އުނިކުރުމުގައި ހުރި އިސްތިސްނާތައް ކަނޑާލަން ބައެއް މާއްދާތައް އުނިކުރަން ވަނީ ހިމަނާފައި. އިންޓްރެސްޓް ކެޕޭސިޓީ ބަލާނެ ސާފު މިންގަނޑު ބިލުގައި ބުނެދީފައިވޭ." ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ވިދާޅުވިއެވެ.
ބިލަށް ތާއީދުކޮށް ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ މި ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ބިލެއްކަމަށެވެ. އަދި ޓެކްސް ނެގުމުން ރެކިގަންނަން މަސައްކަތްކުރާ ފަރާތްތައް ހުއްޓުވުމަށް ވެސް ބިލުން މަގުފަހިވެގެންދާނެކަމަށް މެމްބަރުން ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އިޤްތިސާދު ހަމަމަގަށް އަޅުވަން ލިބޭ ރަނގަޅު ބާރެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. ބިލާ ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުން ވިދާޅުވި މި ބިލުގެ ސަބަބުން އިންވެސްޓަރުން ހޯދުމަށް އުނދަނގޫވުމުގެ ފުރުސަތު އޮތްކަމަށެވެ.
ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ %25 ކަމަށެވެ.މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ޤާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. ބިލު ތަންފީޒުކުރުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027އިން ފެށިގެންނެވެ.