ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ


  • ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވޭ

  • ބުދަދުވަހު ހެނދުނު ރާއްޖޭގެ ދެކުނަށް ބޯކޮށް ވާރޭވެހުނު

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަދު އިރުއޮއްސި 7އިން ފެށިގެން 10އާ ހަަމައަށް މާލެއަށް 75 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު ރާއްޖޭގެ ދެކުނަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އަދި މިއަދު އިރުއޮއްސި 7އިން ފެށިގެން މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ. މިއަދު އިރުއޮއްސި 7އިން ފެށިގެން 10އާ ހަމައަށް މާލެއަށް 75 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް އަތޮޅުތެރެއަށް ޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. އެގޮތުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ސްޓޭޝަންތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަންނަމުންދާތީ ދިވެހި ފުލުހުންގެ ޚިދުމަތުން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.