ޚަބަރު

ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ؛ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ


  • ސެމީފައިނަލު 2 މެޗު މިރޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލުގައި އަވަށްޓެރި ދޮންފަނާއި ކިހާދޫ ވާދަކުރަން ޖެހިއްޖެއެވެ.

ދަރަވަންދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ސެމީފައިނަލުން ދޮންފަން ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ, އެއް މެޗު އެއްވަރުކޮށް 7 ޕޮއިންޓާއެކުއެވެ. ކިހާދޫ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެއީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ, 6 ޕޮއިންޓާއެކުއެވެ. ކިހާދޫ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 10-0 ން ދޮންފަން ވެޓަރެންސް ބަލިކުރިއެވެ. މެޗުގައި 4 ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އެއީ ހުސައިން ހަނާން, އަހުމަދު އަހުސަން, ހުސެއިން އަރުޝަދު އަދި މުޙައްމަދު ޔަޒީދު ޔޫސުފް އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ އަނީސް އާއި އަނަސް މުޙައްމަދު ގާސިމް އެވެ.

ސެމީފައިނަލުން ދެން ޖާގަ ހޯދީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑާއި ބ.އަތޮޅުގެ ރިސޯރޓެއް ކަމަށްވާ ދަ ނޯޓިލަސް އެވެ. ދަ ނޯޓިލަސް ގްރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ކިންގްސް ޔުނައިޓެޑް ގްރޫޕް އޭގެ ދެވަނަ ހޯދީ އެއް މެޗުން މޮޅުވެ, އެއް މެޗު އެއްވަރުކޮށް 4 ޕޮއިންޓާއެކުއެވެ. ފަހު މެޗުގައި ދަ ނޯޓިލަސް ވަނީ 5-3 ން ނިއު ސްޕީޑް ބަލިކޮށްފައެވެ. މެޗުގައި މުޙައްމަދު ސިމާން އާއި އައްޒާން މުޙައްމަދު, ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއެވެ. އަނެއް ގޯލު ޖެހީ މުޙައްމަދު ނަވީދެވެ. ނިއު ސްޕީޑްގެ ތިން ގޯލު ޖެހީ މަހުމޫދު ރަޝީދު އާއި އަލީ ޝަރީފް އާއި މުޙައްމަދު މައުރިފް އެވެ.

މުބާރާތުގެ ސެމީފައިނަލު ދެ މެޗު ކުޅޭނީ މިރެއެވެ.