ޚަބަރު

އަރަމްކޯގެ ތެޔޮ ވަޅުތަކަށް ދިން ޑްރޯން ހަމަލާތަކުގައި ދެ މީހުން މަރުވެއްޖެ


ސަޢުދީ ޢަރަބިއްޔާގެ އަރަމްކޯ ތެޔޮ ކުންފުނީގެ ޝައިބާ ތެޔޮ ވަޅުތައް ހުންނަ ސަރަހައްދަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ޑްރޯނެއް ވައިގެ ދިފާޢީ ބާރުތަކުން ވައްޓާލުމާ ގުޅިގެން ބޭރުގެ ދެ މީހަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމުވެއްޖެއެވެ. ސަޢުދީގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި ހާދިސާގައި މަރުވީ ފިލިޕީންސާއި ނޭޕާލުގެ ރައްޔިތުން ކަމަށާއި އަނިޔާވީ ޕާކިސްތާނާއި އިންޑިއާގެ ދެ މީހުންނަށް ކަމަށެވެ. ޝަރްޤިއްޔާ ޕްރޮވިންސުގައި ހުންނަ މި މަރުކަޒަށް ދިން ހަމަލާ ދިފާޢީ ބާރުތަކުން ހުއްޓުވި ނަމަވެސް، ކޮންޓްރެކްޓަރެއްގެ އުޅަނދެއްގައި އަލިފާން ރޯވި ކަމަށާއި އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމުގައި އެ ވުޒާރާއިން ހާމަކުރެއެވެ. މި ހާދިސާ ހިނގާފައި ވަނީ ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ސަޢުދީގެ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޔަމަނުގެ ސަރުކާރު ސިފައިން ބުނީ، ޙޫޘީ ހަނގުރާމަވެރިން ޢަދަން އަދި މުކައްލާގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމުގައެވެ. "މިއީ، ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބުވުމުން ރައްޔިތުންގެ ފުރާނައަށް ނުރައްކާކުރުމަށް މިލީޝިޔާއިން [ހޫޘީން] ގެންގުޅޭ އުކުޅެއް،" އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް މާޖިދު ޢަބްދުالله އަލް-ނާޒިލީ ވިދާޅުވިއެވެ. ނަމަވެސް، ޙޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، އެ ޖަމާޢަތުން ހަަމަލާ އަމާޒުކުރީ ޢަދަންގެ ބަދުރު ކޭމްޕުގައި ހުންނަ އަސްކަރީ އިއްތިޙާދުގެ ކޮމާންޑު ރޫމަށް ކަމަށާއި، މި ހަމަލާ ސީދާ އަމާޒަށް ވާސިލުވި ކަމުގައެވެ.

މަސްރަޙު އިތުރަށް ގޯސްވަމުންދާއިރު، ސަޢުދީ އަސްކަރީ އިއްތިޙާދުން ވަނީ އެ ޤައުމުގެ ޝަރުޤިއްޔާ އަދި މަދީނާއަށް އަމާޒުކުރި ފަސް ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. އަދި، ޔަމަނުގެ ތަޢިއްޒާއި ކަހްބޫބުގައި ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، އިއްތިޙާދުން ވަނީ އެ ސަރަހައްދުގެ ޙާލަތު ވަރަށް ނުރައްކާތެރި ކަމުގައި ސިފަކޮށްފައެވެ. ޙޫޘީންގެ އަތްދަށުން ވެރިރަށް ޞަންޢާ ހިމެނޭހެން ގެއްލިފައިވާ ބިންތައް މިނިވަން ކުރުމަށް، ސަޢުދީގެ އެހީތެރިކަމާއެކު ޔަމަނު ސަރުކާރުގެ ފައުޖުތަކުން މިހާރު ދަނީ 'އޮޕަރޭޝަން ޑޯން އޮފް ޔަމަން' ގެ ނަމުގައި އަސްކަރީ ބޮޑު ހަރަކާތެއް ހިިންގަމުންނެވެ.