މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މި އަހަރުގެ ތިންވަނަ ބުރުގެ ތަމްރީން ނިންމާލައިފިއެވެ.
ތިންވަނަ ބުރުގެ ތަމްރީން ނިންމާލުމަށް ކ. މަނިޔަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ ސިނާޢަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފަރާތްތަކަކީ މި ސިނާޢަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މެރިކަލްޗަރ ސިނާޢަތް، ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރެވިއްޖެނަމަ ރާއްޖެއަށް އިމްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް ބޮޑުތަނުން މަދުކުރެވޭނެކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ޤައުމުތަކާއެކު އެކުލަވާލެވޭ ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗަރ ސިނާޢަތަށް ގިނަ ފުރުސަތުތަކެއް ފަހިވާނެކަމަށެވެ.
"ގިނަ ޤައުމުތަކުން ފްރީ ޓްރޭޑް އެގްރިމަންޓުތައް ދަނީ ހަދަމުން. ޑިއުޓީއަކާއި ނުލާ އަޅުގަނޑުމެން އެކްސްޕޯޓް ކުރަން މިއޮންނަނީ. ފްރީ ޓްރޭޑް އެގްރިމަންޓެއް ހެދޭއިރުގައި އެންމެ ބޮޑު އެޑްވާންޓޭޖެއް މި އަންނަނީ މަސްވެރިކަމާއި މަސްވެރިކަމުން މި އުފައްދާ ބާވަތްތައް ބޭރުކުރެވެން އޮންނަ އޮތުން. އެ ފުރުސަތުގެ ބޭނުން އަޅުގަނޑުމެން ހިފަން އެބަޖެހޭ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މިމަހުގެ 10އިން 22 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 15 މީހުން ބައިވެރިވިއެވެ. މީގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ހަތަރުވަނަ ކޯސް އާންމުންނަށް ހުޅުވައިލައިގެން މިއަހަރުގެ ނޮވެންބަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ވަރލްޑް ބޭންކުގެ އެހީގައި މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުން ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިތަމްރީން ޕްރޮގްރާމުގެ ތެރެއިން އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.
މި ދާއިރާއިން މީހުން ބިނާކުރުމަށް މީގެކުރިން ކޮންމެ އަހަރަކު 2 ޕްރޮގްރާމް ހިންގިނަމަވެސް މި އަހަރުން ފެށިގެން 4 ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާތަނަށް ހިންގާފައިވާ ޕްރޮގްރާމުގެ ތެރެއިން 91 މީހުން ތަމްރީން ކުރެވިފައިވާކަމަށް މަސްވެރިކަމާ ވުޒާރާއިން ވިދާޅުވެއެވެ.