ޚަބަރު

"ރައީސް މުޢިއްޒުގެ ދަތުރުފުޅާއެކު ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ"


  • ދެ ޤައުމުން އިތުރު އެއްބަސްވުންތައް ޤާއިމްކުރުން މުހިންމުކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންގެންދާވާ ދަތުރުފުޅަކީ، ރާއްޖެ އާއި ޕާކިސްތާނުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަރަކަށް ގެންގޮސްދޭނެ ދަތުރުފުޅަކަށްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމަށް ގިނަ ފުރުޞަތުތަކެއް ލިބިފައިވާކަމަށެވެ.

ރާއްޖެ އާއި ޕާކިސްތާނާއި ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމަށް ނިންމަވާފައިރު، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމަށް ބޭނުންވާ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށަން ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކަށް އިރުޝާދުދެއްވާފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، އަވަސް މުސްތަޤްބަލެއްގައި އެ މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އެކި ދާއިރާތަކުން ދެ ޤައުމު ގުޅިފައިއޮތުން މުހިންމުކަން ފާހަގަކުރައްވަމުން ބޮޑޫވަޒީރު ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެ އާއި ޕާކިސްތާނާ މިހާރު ގުޅިފައި ނެތްކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އެކަން ބަދަލުކުރަން ޖެހޭކަމަށް ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވިއެވެ. ޕާކިސްތާނުގެ އިންޓަރނޭޝަނަލް އެއާލައިން އަދި އެ ޤައުމުގެ އެހެނިހެން އެއާލައިންތައް މެދުވެރިކޮށް ރާއްޖެއަށް ދަތުރުތައް ފެށޭނެ މަގު ހޯދުމަށް އެދިވަޑައިގަންނަވާފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަށް ބިޒްނަސް ކޮމިއުނިޓީ އަދި ފަތުރުވެރިންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީ، ޗުއްޓީ ހޭދަކޮށްލަން އަދި ވިޔަފާރިއަށް އެ ޤައުމުގައި ފުރުސަތު ހޯދަދޭން ބޭނުން." ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން ދެ ޤައުމު ގުޅުން މުހިންމުކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެ އާއި އެ ޤައުމާއި ދެމެދު ސީދާ ދަތުރުތައް ނުފެށި، ދެ ޤައުމުން ބޭނުންވާ ވިޔަފާރީގެ ގުޅުމަށް ވާސިލްނުވެވޭނެކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ހަރުދަނާކަމާއި އެކު އެ މަސައްކަތްތައް ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އިތުރު އެމްއޯޔޫތައް ސޮއިކުރުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ސަބަބުން ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް ބަދަހިވާނީ ވިޔަފާރި އާއި އިޤްތިޞާދުގެ ދަށުންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރުކުރުމަށް ކަނޑައަޅާފައިވާއިރު މިއީ ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް ކާމިޔާބުކުރުމަށް، ދެ ޤައުމުން ގުޅިގެން ރަނގަޅު އެކްޝަން ޕްލޭނެއް އެކުލަވާލަންޖެހޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އެކަން އޮތީ އަހަރުމެންގެ އަތްމަތީގައި. ހޯމް ވޯކް ހަދާ އެ ފުރުސަތުގެ ބޭނުންކުރުން އޮތީ އަހަރުމެންނަށް." ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝެހެބާޒް ވަނީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެ އަށް އަނބުރާ ވަޑައިގެންނެވުމާއެކު، ރާއްޖެއަށް ޕާކިސްތާނުގެ ވަފުދެއް ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ. އެ ވަފުދުގައި ޕާކިސްތާނު ސަރުކާރުގެ އިސް ބޭފުޅުންނާއި، ވިޔަފާރިވެރިން ހިމެނޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ވަފުދު މެދުވެރިކޮށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރަށް މަގުފަހިކޮށްދެއްވާނެކަމަށާ، ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި އެ ދަތުރު އިންތިޒާމްކުރުންކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ޕާކިސްތާނުގެ ތެދުވެރި އެކުވެރިއެއްކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވުމަކީ، ދެ ޤައުމުގެ ޒަމާންވީ ގުޅުމަށް ލިބޭ ކުރިއެރުމެއްކަމަށް ބޮޑުވަޒީރު ޝެހެބާޒް ވަނީ ސިފަކުރައްވާފައެވެ.

މިހާރު ރައީސް ޑރ.މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން،
ރާއްޖެ އާއި ޕާކިސްތާނާއި މެދު 20 އެމްއޯޔޫގައި ސޮއިކުރައްވާފައިވެއެވެ. މި ދަތުރުފުޅަކީ ރާއްޖެ އާއި ޕާކިސްތާނާއި މެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ޕާކިސްތާން ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.