ކުޅިވަރު

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޒެނިތް ހޯދައިފި


ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޒެނިތް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. ޒެނިތް މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ ވެލެންސިޔާއާ ވާދަކޮށް 73 ޕޮއިންޓް، 68 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗްގެ ފުރަތަމަ ކުއާޓަރގައި ވެލެންސިޔާ ޕޮއިންޓްގެ ގޮތުން ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ފަހު 3 ކުއާޓަރގައިވެސް ޒެނިތް ސްޕޯޓްސް ކުލަބްއިންވަނީ ލީޑްނަގާފައެވެ. މެޗްގެ ފުރަތަމަ އަދި ދެވަނަ ކުއާޓާރ ދިޔައީ ވަރަށް ވާދަވެރިކޮށްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މެޗްގެ 3 ވަނަ ކުއާޓާރގައި ޒެނިތް ސްޕޯޓްސް ކުލަބުން ވަނީ 10 ޕޮއިންޓްގެ ލީޑްއެއް ނަގާ އެކުއާޓަރ ކޮންޓްރޯލް ހޯދާފައެވެ. ނަމަވެސް ވެލެންސިޔާއިން ކުޅުން ރަނގަޅުކޮށް 3 ވަނަ ކުއާޓަރ ނިމުމުގެ ކުރިން 10 ޕޮއިންޓްގެ ލީޑް 3 ޕޮއިންޓްއަށް ކުޑަކޮށްފައެވެ. 4 ވަނަ ކުއާޓަރ ފާހަގަކުރެވިގެންދިޔައީ ވަރަށް ފޯރިގަދަ ކުއާޓަރއެއްގެ ގޮތުގައެވެ. މެޗްގެ ތިންވަނަ ކުއާޓަރ އަދި ހަތަރުވަނަ ކުއާޓާރގައި ވެލެންސިޔާއިން ވަނީ އަމްޕަޔަރުގެ ނިންމުންތަކާ ވަރަށް ބޮޑަށް ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/14811061297385.jpg|ގައުމީ ނެޓްބޯޅަ މުބާރާތް 2016ގެ ޗެންޕިއަން ޓީމް ޒެނިތް ސްޕޯޓްސް ކުލަބް (ފޮޓޯ: ޕީއެސްއެމް-ވަހީދު)

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެންޕިއަން ޒެނިތް ސްޕޯޓްސް ކުލަބްގެ ނީޝާ ހަލީމްއެވެ. މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ވެލެންސިޔާގެ އީމާ އަބްދުލް ސައްތާރު، ބިދޭސީ ކުޅުންތެރިޔާ ކުމަރިން ސިލްވާރ، ސަމާ ތަޢުފީގު، ޓީސީ ސްޕޯޓްސް ކުލަބްގެ ލަޔާން އަލީ ރަޝީދު، ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބްގެ ރާޝިދާ މޫސާ، ޗެންޕިއަން ޒެނިތް ސްޕޯޓްސް ކުލަބްގެ ބިދޭސީ ކުޅުންތެރިޔާ ތަރިޖިނީ އަދި  އައިޝަތު ހަންނާން ހުސެއިންއެވެ.

img:http://s2.psmnews.mv/images/660x400/14811064346600.jpg|ގައުމީ ނެޓްބޯޅަ މުބާރާތުގެ 2ވަނަ ޓީމް ވެލެންސިޔާ (ފޮޓޯ: ޕީއެސްއެމް-ވަހީދު)