ވިޔަފާރި

ދެ ދުވަހުގެ ތެރޭގައި 1.3 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކައިފި


ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ރާއްޖެއިން ބޭރަށްދާ ދަތުރުވެރިންނަށް ޑޮލަރު ވިއްކަން ފެއްޓެވިފަހުން، މިދިޔަ ދެ ދުވަހުގެ ތެރޭގައި 1.3 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ އެމްއެމްއޭއިން މިދިޔަ އާދީއްތަދުވަހު ޑޮލަރު ވިއްކަން ފަށާފައިވާއިރު، އެދުވަހު 535 ކަސްޓަމަރަކު ހުށަހެޅި ސޯޅަ ސަތޭކަ ނަވާވީސް ޓިކެޓަކަށް އަށް ސަތޭކަ ހާހަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަމަށެވެ. އަދި އިއްޔެ 381 ކަސްޓަމަރަކު ހުށަހެޅި އެއްހާސް ފަންސާސް ހަތް ޓިކެޓަކަށް ފަސް ސަތޭކަ ހާހަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ. 

އެމްއެމްއޭއިން މީގެ ކުރިން ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައި ވިއްކަވަމުން ގެންދެވި ޑޮލަރ ސީދާ އެމް.އެމް.އޭގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ. ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ހަލުވިކޮށް ޢާއްމުންނަށް ލުއިފައްސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމްއެމްއޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ޖުމްލަ ދިހަ ކައުޓަރުން ޚިދުމަތް ދެއްވަމުން ގެންދަވާއިރު، ނަންބަރު ނެގުމަށްފަހު މަޑުކުރަން ޖެހޭނީ އެންމެ ގިނަވެގެންވެސް ތިރީސް މިނެއްޓް ކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ. ކޮންމެ މީހަކަށްވެސް ގިނަވެގެން ފަސް ޓިކެޓަށް ޑޮލަރު ދޫކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ޑޮލަރު ގަތުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ގެނައުން މުހިއްމުކަމަށް އެ ބޭންކުން ވިދާޅުވިއެވެ.

އެމްއެމްއޭއިން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮންނަ ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ. މި އުޞޫލުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ޓިކެޓަކަށް ފަސް ސަތޭކަ ޑޮލަރު އެމް.އެމް.އޭއިން ވިއްކަމުން ގެންދަވާނޭކަން އެމްއެމްއޭއިން ހާމަކުރައްވައެވެ. ޖެނުއަރީމަހުގެ އަށްވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނީ ސީދާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޖެނުއަރީމަހުގެ އަށްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަވާނީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗަރ ހޯލްގައި ހުންނަ ބީ.އެމް.އެލްގެ ކައުންޓަރުންކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.