ޚަބަރު

އެންޑީއޭގައި ފަރުވާހޯދަމުންދާ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ


ނެޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭގައި ފަރުވާހޯދާ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން އެންޑީއޭއާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެންޑީއޭގެ ސީއީއޯ ޙަސަން ޝަހީލް ވިދާޅުވީ، އެސްޓީއޯއާއިއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، އެ އެޖެންސީގައި ފަރުވާ ހޯދާ 4 މީހަކަށް އެސްޓީއޯއިން ވަޒީފާ ހަމަޖެހިގެންދާނޭ ކަމަށެވެ. ޝަހީލް ވިދާޅުވީ ނެޝަނަލް ޑްރަގް އޭޖެންސީގައި 260 މީހަކު ފަރުވާ ހޯދަމުންދާއިރު، މީގެ ތެރެއިން 150 މީހަކަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެންޑީއޭއިން ފަރުވާ ހޯދުމަށްފަހު ވަޒީފާގެ ބާޒާރަށް ނިކުންނަ މީހުންގެ 95 އިންސައްތަ މީހުން ވަޒީފާތަކުގައި ދެމިތިބޭ ކަމަށް ޝަހީލް ފާހަގަކުރެއްވިއެވެ. މިގޮތުން އެންޑީއޭއިން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމަށް ޝަހީލް ވިދާޅުވިއެވެ. އެންޑީއޭއިން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ވަރަށް އެދެވޭގޮތެއްގައި އެއްބާރުލުން ލިބެމުންދާކަމަށްވެސް ޝަހީލް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، އެންޑީއޭގައި ފަރުވާހޯދަމުންދާ މީހުންނަށް އެހީތެރިކަން ދިނުމަކީ އެސްޓީއޯއިން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށެވެ. މިގޮތުން އެންޑީއޭއިން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަށް މީގެ ކުރިންވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަވާކަން ޝަހީރު ފާހަގަކުރެއްވިއެވެ. ޝަހީރު ވިދާޅުވީ އެންޑީއޭގައި ފަރުވާ ހޯދަމުންއަންނަ 4 މީހަކަށް ވަޒީފާގެ ފުރުސަތު އެސްޓީއޯއިން ދިނުމަށް ނިންމާފައިވާއިރު، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެފަރާތްތަކުގެ ވަޒީފާ ދާއިމީކުރުމަށް ހަމަޖެހިފަވާކަން ޝަހީރު ފާހަގަކުރެއްވިއެވެ. އެސްޓީއޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނެޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ ޙަސަން ޝަހީލެވެ. އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރެވެ.

ނެޝަނަލް ޑްރަގް އޭޖެންސީގައި ފަރުވާހޯދަމުންދާ މީހުނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މިއަދު އެސްޓީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަވާއިރު، ސަރުކާރުގެ އެހެން ކުންފުނިތަކާއިއެކުވެސް މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމަށް ހަމަޖެހިފަވާކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.