ޚަބަރު

ވަޒީފާގެ ބާޒާރާއި ޢިމާރާތްކުރުމުގެ ސިނާއަތް އެންމެ ތިޔާގި


ރާއްޖޭގައި ވަޒީފާގެ ބާޒާރާއި ޢިމާރާތް ކުރުމުގެ ސިނާއަތް މިއަށްވުރެ ތިޔާގިވެގެންދިޔަ ދުވަސްވަރެއް މިހާތަނަށް އައިސްފައިނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭ އެލައިޑް އިންޝުއަރެންސް ކުންފުނިން ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެލައިޑް އިންޝުއަރެންސްގެ ކާމިޔާބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މިއަށްވުރެ ވަކި ތިޔާގި ދުވަސްވަރެއް އައިސްފައިނުވާ ކަމަށެވެ. އަދި ކޮންޓްރަކްޝަން ދާއިރާއަށް މި 3 އަހަރު އައިސްފައިވާ ކުރިއެރުން، މީގެ ކުރިން ނާންނަ ކަމަށާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ މިއަށްވުރެ ފުޅާވެގެންދިޔަ ދުވަސްވަރެއް ނާންނަ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަމީލު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެކުންފުނީގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ގޮސް އިންޑިއާ ކަނޑުގެ ހުރިހާ ޤައުމެއްގެ އިންޝުއަރެންސް ކުންފުނިތަކަށްވުރެވެސް ކުރީގައި އުޅެނީ އެ ކުންފުނި ކަމަށެވެ. މިދިޔަ 3 އަހަރުގެ ތެރޭ އެކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 120 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި މި ޢަދަދު ހުރީ ކުރިން 70 މިލިޔަން ޑޮލަރުގައި ކަމަށް އަމީލް ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ މިދިޔަ 3 އަހަރުގެ އާމްދަނީ ވަނީ އޭގެ ކުރިއާއި އަޅާބަލާއިރު 69 އިންސައްތަ އިތުރުވެފައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެލައިޑް ގެ މުވައްޒަފުން ބުނީ އެ ކުންފުންޏަކީ އެކުގައި ގުޅިގެން މަސައްކަތްކުރާ ،އަދި މުއައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. މި ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ބޭއްވި ހަފްލާގައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެލައިޑް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ސެކަންޑްރީ ސްކޫލް ތަޢުލީމަށް ޚާއްސަ ޕްލޭނަކާއި، އަންހެނުންނަށް ޚާއްސަކޮށް ލައިފް އިންޝުއަރެންސް ޕްލޭނެއް މި ހަފްލާގައި ތަޢާރަފްކޮށްފައިވެއެވެ.

މީގެއިތުރުން އެލައިޑް އިންޝުއަރެންސް މޮބައިލް އެޕްލިކޭޝަނަކާއި ރާއްޖޭގެ އިންޝުއަރެންސް ނަންބަރުގެ ނަމުގައި ހިލޭ ގުޅޭ ނަންބަރު އެލައިޑުން ތާއާރަފް ކޮށްފައިވެއެވެ.