ޚަބަރު

"ޚިތާނީ އުފާ" ފޯރިގަދަ ޙަރަކާތްތަކަކާއެކު ނިންމާލައިފި


ސަދަޤާތު ފައުންޑޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ޚިތާނީ އުފާ"، ފޯރިގަދަ ޙަރަކާތްތަކަކާއި އެކު ނިންމާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދަވާފައިވާ ސަދަޤާތު ފައުންޑޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޚިތާނީ ކޭމްޕުގައި 120 ކުއްޖަކު ވަނީ ޚިތާނު ކޮށްފައެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ 2 ޤްރޫޕަކަށް ބަހާލައިގެނެވެ. ޢާއިލާތައް އެއްތަނަކުން ބައްދަލުވެ ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ ފުރުޞަތު ޢާއިލާތަކަށް ފަހިކޮށްދިނުމުގެ މަޤްޞަދުގައި އެ ޖަމްޢިއްޔާއިން އިންތިޒާމްކުރި މި ޙަރަކާތުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސަވާފައިވަނީ އެ ޖަމްޢިއްޔާއިން ކަން ފާހަގަކޮށްލެވެއެވެ.

ޙިތާނީ ކޭމްޕް ނިންމާލުމުގެ ގޮތުން ހުޅުމާލޭ ރެހެންދި ސްކޫލްގައި ރޭ ބޭއްވި "ޚިތާނީ އުފާ ފެންއެޅުމުގެ ދަރުބާރު" އިފްތިތާޙް ކޮށްދެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމް.ޑީ.އޭ ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދުއެވެ.

img:http://s3.psmnews.mv/images/660x400/14804846639682.jpg|ހިތާނީ އުފާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމް.ޑީ.އޭ ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވީ މެޑަމް ފާތިމަތު އިބްރާހީމަކީ ރާއްޖޭގެ ކޮންމެ ކަނބަލަކަށް ވެސް ނަމޫނާ އެއް ކަމަށެވެ. މި ގޮތުން އެކަމަނާގެ އޯގާތެރިކަމާއި ހިތްވަރުގަދަކަން ސިޔާމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަދަޤާތު ފައުންޑޭޝަނުގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުއްﷲ ޝިނާންވަނީ މީހުންނަށް އެހީތެރިވުމާއި އަޅާލުމަކީ މެޑަމް ފާތުންގެ ހިތްޕުޅުގައި ބިންވަޅުނެގިފައިވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން އެހީތަކަށް ބޭނުންވާ ފަރާތްތަކަށް ވެސް އެކަމަނާ އެހީތެރިވެދެއްވާކަން ޝިނާން ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14804847007091.jpg|ހިތާނީ އުފާ ނިންމުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުން

ސަދަޤާތު ފައުންޑޭޝަނުގެ ފަރާތުން، އަންނަ އަހަރު 200 ކުދިން ޚިތާނު ކުރުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ޝިނާން ވިދާޅުވިއެވެ.

ޚިތާނީ އުފާ ނިންމާލުމުގެ ޝޯގައި ހަވާގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވާއިރު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ފަންނާނުންގެ ހުށައެޅުންތަކެއްވެސް މި ޝޯ އިން ފެނިގެންދިޔައެވެ. މިގޮތުން މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ވެސް މި ޝޯގައި ލަވަތައް ހުށައަޅާދީފައިވެއެވެ.