ދުނިޔެ

ފިލްމު އެޅުވުމުގެ ކުރިން ޤައުމީ ސަލާމް ކުޅެން އަމުރުކޮށްފި


އިންޑިއާގެ ސިނާމާތަކުގައި ފިލްމެއް އެޅުވުމުގެ ކުރިން ޤައުމީ ސަލާމް ކުޅެން އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. 

10 ދުވަހުގެ ތެރޭގައި ތަންފީޒުކުރަންޖެހޭ މިއަމުރުގައިވާ ގޮތުން ޤައުމީ ސަލާމް ކުޅެމުންދާ ވަގުތު، ހުރިހާ އެންމެންވެސް ތިބެންޖެހޭނީ ކޮޅަށް ތެދުވެ، ޤައުމީ ސަލާމަށް އިޚްތިރާމްކުރުން މަތީގައިކަމަށް މިއަމުރުގައިވެއެވެ. 

1960 އަދި 1970 ގެ އަހަރުތަކުގައި އިންޑިއާގެ ސިނަމާތަކުގައި ޤަވާއިދުން ޤައުމީ ސަލާމް ކުޅެމުންދިޔަނަމަވެސް، ފިލްމު ބަލަންގޮސް ތިބޭ މީހުން ޤައުމީ ސަލާމަށް އިޚްތިރާމް ނުކުރާތީ އެކަން އޮތީ ހުއްޓިފައެވެ. ޤައުމީ ސަލާމަށް އިޚްތިރާމްކުރުމާ ގުޅޭގޮތުން އިންޑިއާގެ ހުރިހާ ރައްޔިތުންގެ މައްޗަށް ހިނގާ ޤާނޫނެއް ނެތުުމުން، އެކަން އޮންނަނީ ކޮންމެ ސްޓޭޓެއްގެވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދޫކޮށްލާފައެވެ. 

2003 ވަނަ އަހަރު މާހާރާސްތާ ސްޓޭޓުގެ ސިނަމާތަކުގައި ޤައުމީ ސަލާމް ކުޅެން މަޖުބޫރުކުރުވި ނަމަވެސް މިދިޔަ އަހަރު މެޑްރާސްގެ ހައިކޯޓުން ވަނީ އެކަމާއި ދެކޮޅަށް އަމުރެއް ނެރުއްވާފައެވެ. ކޯޓުން ބުނެފައިވަނީ އެކަމުގެ ސަބަބުން ވާނުވާ ނޭގިގެން ހަމަނުޖެހުމެއް އުފެދިދާނެކަމަށެވެ. 

ނަމަވެސް އިންޑިއާގެ ސުޕްރީމްކޯޓުން މިއަދު ކުރި ޙުކުމްގައިވަނީ އިންޑިއާގެ ހުރިހާ ސިނަމާތަކެއްގައިވެސް ފިލްމެއް އެޅުވުމުގެ ކުރިން ޤައުމީ ސަލާމް ކުޅެންޖެހޭނެކަމަށެވެ. އަދި ޤައުމީ ސަލާމް ކުޅެމުންދާ ވަގުތު އިންޑިއާގެ ދިދަ ފެންނަ ފޮޓޯއެއް ފެންނަން ހުންނަންޖެހޭނެކަމަށް ސުޕްރީމްކޯޓުގެ އަމުރުގައިވެއެވެ. 

މިދިޔަ އަހަރު މުމްބާއީގެ ސިނާމާއެއްގަ ތިބި ބަޔަކު ޤައުމީ ސަލާމް ކުޅެމުންދިޔަ ވަގުތު ކޮޅަށް ނުތެދުވުމުން، އެމީހުންތައް ވަނީ ސިނާމާއިން ބޭރުކޮށްލާފައެވެ. އަދި 2014 ވަނަ އަހަރު އިންޑިއާގެ ސިނާމާއަކަށް ދިޔަ ސައުތް އެފްރިކާގެ މީހަކު ޤައުމީ ސަލާމަށް ނުތެދުވުމުން އޭނާއާއެކު ހުރި އިންޑިއާ މީހާއަށް ބަޔަކު މީހުންވެގެން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޓީ ޒިންޓާ ވަނީ ޤައުމީ ސަލާމަށް ނުތެދުވި ކުއްޖަކު އޭނާ އަމިއްލައަށް ސިނާމާއިން ނެރެލާފައެވެ.