ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އެންމެފުރަތަމަ ޑޮލަރު ވިއްކުމުގެ ކަންތައްތައް ކުރިއަށްގެންގޮސްފައިވަނީ ބޭންކްތައް މެދުވެރިކޮށެވެ. ނަމަވެސް ފަހަކަށްއައިސް ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ވޭތުވެދިއަ ދުވަސްތަކުގައި ބޭރަށްފުރާ ދިވެހިން ޑޮލަރު ގަނެފައިވަނީ ބޭންކްދޮށުގައި އެތައް އިރަކު މަޑުކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.
ޑޮލަރުގަތުމަށް ބޭންކްދޮށަށް ގިނަ ބަޔަކު ޖަމާވެ، ޑޮލަރުގަތުމަށް ކުރާ ދިގު އިންތިޒާރަށް ނިމުމެއް ގެނައުމުގެ ގޮތުން ރާއްޖެއިން ބޭރަށް ފުރާ ދަތުރުވެރިންނަށް ޑޮލަރު ވިއްކަވަމުންއައި އުސޫލް ބަދަލުކުރިކަން އެމްއެމްއޭއިން ހާމަކުރެއްވީ ހުސްވި ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ގަވަރުނަރު ޑރ އަޒީމާ އާދަމް ވިދާޅުވީ، ރާއްޖެއިން ބޭރަށްފުރާ ދިވެހިންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޑޮލަރު ވިއްކެވުމަށްޓަކައި ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެފަރާތްތަކަށް ޑޮލަރު ވިއްކަވަމުންގެންދަވާނީ ސީދާ އެމްއެމްއޭއިންކަމަށެވެ. އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފެއްޓެވުމުން ގިނައިރު މަޑުކުރަން ނުޖެހި ދަތުރުވެރިންނަށް ޑޮލަރު ލިބޭނޭކަމަށް އެދުވަހު ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
img:http://s4.psmnews.mv/images/660x400/14795472256298.jpg|އެމްއެމްއޭގެ ގަވަރުނަރު ޑރ.އަޒީމާ އާދަމް- ފޮޓޯ: ޕީއެސްއެމް
އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފެއްޓެވުމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ޑޮލަރު ވިއްކެވުމުގެ މުއާމަލާތްތައް ނިމިގެންދާކަން ޕީއެސްއެމްގެ ނިއުސްޓީމަށް ވަނީ ތަޖުރިބާކުރެވިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފެށްޓެވުމާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވިއްކަވާ ޑޮލަރުގެ މިންވަރުވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.
އެމްއެމްއޭގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި ނޮވެމްބަރުމަހުގެ ވިހިވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިއަލަށް 10613 ޓިކެޓަށް އެމްއެމްއޭއިން ވަނީ، 5.28 މިލިއަން ޑޮލަރު ވިއްކަވާފައެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ، ގާތްގަނޑަކަށް 81.5 މިލިއަން ރުފިޔާއެވެ.
މިދުވަސްވަރަކީ ގިނަ ބަޔަކު ރާއްޖެއިން ބޭރަށްފުރާ ދުވަސްވަރަކަށްކަމުން ގިނަ ބަޔަކު އެމްއެމްއޭއިން ޑޮލަރު ގަންނަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އެމްއެމްއޭއިން 1628 ޓިކެޓަށް 8 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކަވާފައިވެއެވެ.
މިދުވަސްވަރު ޑޮލަރުގެ ޑިމާންޑް ބޮޑުވިނަމަވެސް، ބޭރަށްދަތުރުކުރާ ދިވެހިންނަށް އެއްވެސް ދަތިކަމެއްނެތި ޑޮލަރު ވިއްކަވަމުންގެންދަވާނެކަމަށް ގަވަރުނަރު ޑރ އަޒީމާ އާދަމް ވަނީ ވިދާޅުވެފައެވެ.