 
										
			ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިވައިގެން، ޖެންޑަރ މިނިސްޓްރީން ޚާއްޞަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ.
 
މި ދުވަހާއި ގުޅުވައިގެން ބާއްވަވާ އެންމެ ބޮޑު ޙަރަކާތަކީ، މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ "އެކުވެރިކަމުގެ ފެތުމުގެ ޗެލެންޖް" ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
 
މި ޗެލެންޖްގައި ބައިވެރިވަނީ ސްރީލަންކާ އަސްކަރިއްޔާގެ ޚާއްޞަ ޕެރާއޮލިމްޕިކްސް ފެތުންތެރިންނާއި ރާއްޖޭގެ ޤައުމީ ފެތުންތެރިންގެ ޓީމެކެވެ. މި ޗެލެންޖުގައި ބައިވެރިވާ ލަންކާގެ ޓީމް މިހާރު ވަނީ ރާއްޖޭގައި ފަރިތަކުރުންތައް ފަށާފައެވެ.
 
މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އާރޓިފިޝިއަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޙަރަކާތް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި ޙަރަކާތަކީ ހަމަ އެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަވާ ޙަރަކާތެއް ނޫންކަމަށާއި، ވީހާވެސް ގިނަ އާއްމުން މި ޙަރަކާތް ބަލާލުމަށް އައުމަށްވެސް ޖެންޑަރ މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.
 
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ޢަމާޒުކޮށްގެން، ޖެންޑަރ މިނިސްޓްރީއާއި ޕީ.އެސް.އެމް ގުޅިގެން ބާއްވާ ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
 
މި ޕެނެލް ޑިސްކަޝަން މާދަމާރޭ 10:00ގައި ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
 
މީގެ އިތުރުންވެސް މިދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރިޔަށް ގެންދެވުމަށް ޖެންޑަރ މިނިސްޓްރީން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.