ތަރައްްޤީ

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގޮންޖެހުންތަކެއް އެބަހުރި"


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް، މުޖުތަމަޢުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ މައިދާނުގައި އެހެން މީހުންނާ އެއްހަމައެއްގައި ބައިވެރިވެވޭނެ ގޮތްތައް ދެނެގަނެ، އެކަން މަގުފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަޙީދު ޒަކީ ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ދެއްވި ޚިތާބުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ބައިވެރިވެ ހަރަކާތްތެރިވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައުގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ މައިދާނުގައި އެހެން މީހުންނާ އެއްހަމައެއްގައި ބައިވެރިވެވޭނެ ގޮތްތައް ދެނެގަނެ، މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

'' ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ބައިވެރިވެ ހަރަކާތްތެރިވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ އަދި މުޖުތަމައުގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ މައިދާނުގައި އެހެން މީހުންނާ އެއްހަމައެއްގައި ބައިވެރިވެވޭނެ ގޮތްތައް ދެނެގަނެ، މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ފުރިހަމަގޮތެއްގައި ތަންފީޒުކުރުމަށްޓަކައި އިތުރު ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު މިނިސްޓްރީންދަނީ ކުރަމުން.'' ޒެނީޝާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14729874954447.jpg|މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ - ފައިލް ފޮޓޯ: ޕީއެސްއެމް

މިނިސްޓަރުގެ ޚިތާބުގައި، ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ގޮތްތަކާއި، ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ފަހުން، ވީހާވެސް ކުރިން ނުކުޅެދުމެއް ހުރިތޯ ދެނެގަތުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވާ، ކޮންމެ ކުއްޖެއްގެ ގްރޯތް މޮނިޓަރިންގ ކާޑުގައި ފާހަގަކޮށްފައިވާ ގޮތަށް ހެދިބޮޑުވަމުންދޭތޯ ޤަވާއިދުން ބަލަމުންދިއުމަށް އެންމެހާ ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

" ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ގޮތްތަކާއި، ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ފަހުން، ވީހާވެސް ކުރިން ނުކުޅެދުމެއް ދެނެގަތުމަކީ މުހިންމުކަމެއް. އެހެންކަމުން، ކޮންމެ ކުއްޖެއްގެ "ގްރޯތް މޮނިޓަރިންގ ކާޑު" ގައި ފާހަގަކޮށްފައިވާ "ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް" އާ އެއްގޮތަށް ހެދިބޮޑުވަމުންދޭތޯ ގަވާއިދުން ބަލަމުންދިއުމަށް އެންމެހައި ބެލެނިވެރިންނަށް އިލްމިތާސްކުރަން. އަދި "މައިލްސްޓޯން ޑިލޭ" އެއް ފާހަގަވާނަމަ، ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން، ޚާއްސަ ގޮތެއްގައި އިންޓަރވެންޝަންތައް، ލަސްނުކޮށް ފޯރުކޮށްދިނުމަށް ސަމާލުވުމަށް އެދެން. އަދި ވީހާވެސް ގިނަ ވަގުތު ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ޢާއިލާތަކާއެކު ހޭދަކޮށްދިނުމަކީ ފަރުދީ ޒިންމާއެއް ކަމަށް ބަލާ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރަން" މިނިސްޓަރގެ ޚިތާބުގައި ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްސަ ގޮތެއްގައި، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ހޯދާދިނުމުގެ މަސައްކަތްތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ތަންތަނުގައި އެފަދަ ފަރާތްތަކުން މިހާރު ދަނީ ވަޒީފާ އަދާކުރަމުންނެވެ.

img:http://s3.psmnews.mv/images/660x400/14806922833347.jpg|ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން- ފައިލް ފޮޓޯ: ޕީއެސްއެމް

ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް، އެހެން ކުދިންނެކޭ އެއްފަދައިން ހަމަހަމަކަމާއެކު ތައުލީމީ ފުރުސަތުތައް މަގުފަހިކޮށްދިނުމަށްޓަކައި، ރާއްޖޭގެ އެކި ސްކޫލްތަކުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްތައް ދަނީ ޤާއިމްކުރައްވަމުންނެވެ. 

މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވާނެ ޓެކްނިކަލް ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓަރުގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ވީލްޗެއަރ އާއީ ހިއަރިންގ އެއިޑް ފަދަ ވަސީލަތްތައް ސަރުކާރުގެ ފަރާތުން ދޫކުރާ އިންތިޒާމު މިހާރު ވަނީ ހަމަޖައްސަވާފައެވެ. އަދި އައިޖީއެމްއެޗުގައި ކިޔުގައި ނުޖެހި ޑޮކްޓަރަށް ދެއްކުމާއި، އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ އިންތިޒާމްއަކީވެސް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ލިބިދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތެކެވެ.