ތަރައްްޤީ

ކުޅިވަރު ތަރައްޤީކުރަން ހަކަތަ ބޭނުންކުރާނީ ބާރު ސްޕީޑްގައި


މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ކުޅިވަރުގެ ޤައުމީ އެސޯސިއޭޝަންތަކާއެކު، މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުން ބޭއްވި ކުޅިވަރުގެ އިޖްލާސްއަކީ، ކުޅިވަރުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ހައްލު ހޯދުމަށް މަގުފަހުކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެމަޝްވަރާ ބައްދަލުވުމުގައި ފާޅުކުރެވުނު ހިޔާލުތަކާއެކު ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ހެއްކަކީ ކުރެވުނު މަޝްވަރާތައް ކަރުދާހަށް ތިރިކުރައްވައި ހައްލުތަކާއި، ގޮންޖެހުންތައް ހިމެނޭގޮތަށް އެކަމުގެ ރިޕޯރޓް ނެރެދެއްވުމެވެ. ރިޕޯރޓް ނެރެދެއްވީ ކުޅިވަރާއިބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ. 

ރިޕޯރޓް ނެރެދެއްވުމަށްފަހު ވަޒީރު ވިދާޅުވީ އެބައްދަލުވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް އާމިސްރާބެއް ގެނެވުމަށް ހުޅުވާލެވުނު ރަނުގެ ފުރުޞަތެއްކަމަށެވެ. އެބައްދަލުވުމުން ކުޅިވަރުގެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ފުރިހަމައަށް ލިބިގެންދިޔަކަމަށާއި، މިހާރުގެ ހާލަތު ދެނެގަނެވި، ރަނގަޅުކުރަންޖެހޭ ކަންކަން އެނގި، ބިނާކުރަނިވި ހިޔާލުތަކެއް ލިބިގެންދިޔަކަމަށެވެ. އުއްމީދާއެކު ވަޒީރު ވިދާޅުވީ ރިޕޯރޓްގައިވާ ކަންކަން ހައްލުކުރަން ފިޔަވަޅު އެޅިގެންދާނެކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުގެ ހަކަތަ ބޭނުންކުރައްވާނީ ބާރު ސްޕީޑްގައިކަމަށް އެކަމަނާ ވިދާޅުވިއެވެ.

" ކުޅިވަރު ތަރައްޤީކުރުމުގައި މިސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރާނީ ބާރު ސްޕީޑްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރު ވަޞީލަތްތައް ޤާއިމްކޮށް، ކުޅިވަރުގެ ކާމިޔާބީއަށްޓަކައި މަގު ހޯދައިދިނުމަށް. " ވަޒީރު ވިދާޅުވިއެވެ.

ރިޕޯރޓް ނެރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުއްރަޒާޤު އިބްރާހީމް ވިދާޅުވީ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށާއި، ކުޅިވަރު އެސޯސިއޭޝަންތަކަށް ހުރިހާގޮތަކުންވެސް އެހީތެރިވެދިނުން މަތީ ކޯޕަރޭޝަން ދެމިއޮންނާނެކަމަށެވެ.

" ދެކެން ބޭނުންވާ ދުވަހަކީ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ކުޅިވަރު ތަރައްޤީކުރުމަށް މަސައްކަތްކުރާ މަންޒަރު." ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ ތިން އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ބޮޑަތި ކުރިއެރުންތަކެއް ގެނައި ތިން އަހަރުކަމަށެވެ. ރިޕޯރޓްގައި ވަނީ އިޖްލާސްގައި ބައިވެރިވި އެސޯސިއޭޝަންތަކުން ފާޅުކުރެއްވި ކަންކަން ވަކިވަކިން ހިމަނުއްވާފައެވެ.