ޚަބަރު

އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވައިފި


އިޓަލީވިލާތުގެ ބޮޑުވަޒީރު މަތެއޯ ރެންޓްޒީ މަޤާމުން އިސްތިއުފާދެއްވުމަށް ނިންމަވައިފިއެވެ. 

ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިއުފާދެއްވުމަށް ރެންޓްޒީ ނިންމެވީ، އިޓަލީގެ ޤާނޫނުއަސާސީއަށް އިޞްލާހު ގެނައުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމަށް އެޤައުމުގެ ރައްޔިތުން ނޫނެކޭ ބުނެ އިއްޔެ ވޯޓް ދިނުމާ ގުޅިގެނެވެ. ޤާނޫނުއަސާސީއަށް އިޞްލާހު ގެންނަން ނުފެންނަކަމަށް ރައްޔިތުން ވޯޓް ދީފިނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް ރެންޓްޒީ ވަނީ ކުރިން ވިދާޅުވެފައެވެ. 

"މިހާހިސާބުން އަޅުގަނޑުގެ ސަރުކާރު ނިމުމަކަށް މިއައީ" ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރެންޓްޒީ ވިދާޅުވިއެވެ. ރެންޓްޒީ ވިދާޅުވީ ވީ އެންމެ އަވަހަކަށް އޭނާގެ އިސްތިއުފާ އިޓަަލީގެ ރައީސަށް ހުށަހަޅުއްވާނޭކަމަށެވެ. 

އިޓަލީގައި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި 60 އިންސައްތައެއްހާ މީހުން ވޯޓް ދީފައިވަނީ ރެންޓްޒީ ހުށަހެޅުމާއި ދެކޮޅަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ނުފެންނަކަމަށެވެ. ރެންޓްޒީ ހުށަހެޅުމާއި އެއްކޮޅަށް ވޯޓްދީފައިވަނީ ގާތްގަނޑަކަށް 40 އިންސައްތަ މީހުންނެވެ. 

img:http://s2.psmnews.mv/images/660x400/14808535732663.jpg|އިޓަލީގައި ވޯޓުލުން ކުރިއަށްދިޔަ މަރުކަޒެއް / ފޮޓޯ: ޒިންހުއާ

ޤާނޫނުއަސާސީއަށް ގެނައުމަށް ރެންޓްޒީ ހުށަހެޅުއްވި މައިގަނޑު އިޞްލާޙުތަކަކީ، އެޤައުމުގެ ސެނެޓުގެ މެމްބަރުންގެ އަދަދު ކުޑަކުރުމަށާއި، ސަރަޙައްދީ ސަރުކާރުގެ ބާރުތައް މައި ސަރުކާރަށް ލިބޭގޮތަށް ހުށަހެޅުއްވި އިޞްލާޙުތަކެކެވެ. މިއިޞްލާޙުތަކަށްއިޓަލީ ހުރިހާ އިދިކޮޅު ފަރާތްތަކާއި ރެންޓްޒީގެ ޕާޓީގެ ބައެއް ފަރާތްތަކުންވެސް ދިޔައީ ދެކޮޅު ހައްދަވަމުންނެވެ. 

ފެންނަ ނުފެންނަ ވޯޓުގައި އިދިކޮޅު ފަރާތްތަކުން ބޭނުންވި ނަތީޖާ ނިކުމެފައިވާއިރު، 50.8 މިލިއަން މީހުން އިންތިޚާބުގައި ވޯޓް ދީފައިވާކަމަށް އިޓަލީގެ ރަސްމީ އިދާރާތަކުން ބުނެއެވެ. 

އިންތިޚާބުގެ ނަތީޖާ ޔޫރަޕްގެ ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކަށް ބުރާވާ ގޮތަށް ނިކުތުމުން، ބައެއް ފަރާތްތަކުން ދަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވި ގޮތަށް އިޓަލީވެސް އީޔޫއިން ވަކިވެދާނެކަމުގެ ބިރު އޮތްކަމަށް ބުނަމުންނެވެ. 

އިޓަލީގެ ބޮޑުވަޒީރުކަމުގެ މަޤާމުން މަތެއޯ ރެންޓްޒީ އިސްތިއުފާދެއްވުމަށް ނިންމެވުމާ ގުޅިގެން، ދެން އެމަޤާމަށް އެޤައުމުގެ ރައީސް ބޭފުޅަކު އައްޔަންކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެއްވުމަށްފަހުއެވެ.