އަމިއްލަ ދެ ޖަމާޢަތްތަކުގެ ޙަވާލުގައި ޢުމްރާއަށް ދާން ހަމަޖެހި، ތަފާތު އެކި ސަބަބުތަކާ ހެދި ނުފުރި ތިބި އެންމެން ފުރައި ނިމިއްޖެއެވެ.
ހިނގަމުން މިދާ ސްކޫލް ބަނދު ދުވައްވަރާ ދިމާކޮށް، ޢުމްރާގެ އަޅުކަން އަދާކުރަން ސަޢޫދީ ޢަރަބިއްޔާއަށް ދާން ފައިސާ ދެއްކުމަށްފަހު، އެކި ކަންކަން ހަމަނުޖެހިގެން ޢުމްރާއަށް ނުފުރި މައްސަލަ ދިމާވީ ދެ ޖަމަޢާތުގެ މީހުންނަށް ސަރުކާރުން ހަމަޖައްސަވައިދެއްވި އިންތިޒާމްތަކުގެ ދަށުން ސަޢޫދީޢަރަބިއްޔާއަށް ފުރައި މިހާރު ވަނީ ނިމިފައެވެ.
ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ނުފުރި ތިބީ، 281 މީހުންނެވެ. މީގެތެރެއިން އާދިއްތަ ދުވަހު 199 މީހުން ފުރުވާލައްވާފައިވެއެވެ. އިއްޔެ ފުރުވާލާފައިވަނީ 43 މީހުންނެވެ. އެންމެފަހުން ތިބި 39 މީހުން ފުރުވާލާފައިވަނީ މިއަދުއެވެ.
ޢުމުރާއަށް ފުރަން ހަމަޖެހިފައިވާ ތާރީޚްތަކުގައި ނުފުރި އަދި ފުރޭނެ ގޮތެއް ހަމަނުޖެހި ތިބި މި އެންމެން ސަޢުދީޢަރަބިއްޔާއަށް ފޮނުއްވީ ސަރުކާރުން ޤައުމި އެއަރލައިން މޯލްޑިވިއަން މެދުވެރިކުރައްވައެވެ. އެގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓްއާއި ޤަތަރު އެއާރވޭސްގެ ފްލައިޓެއް ސަރުކާރުން ހަމަޖައްސަވާދެއްވާފައިވެއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ޖަމާޢަތްތަކުގެ ޙަވާލުގައި މިއަހަރު 1000 އަށްވުރެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވެއެވެ.