ޚަބަރު

ޚަރަދު ކުޑަކުރިޔަސް މުވައްޒަފުންނަށް އަސަރެއް ނުކުރާނެ - ޢާދިލް


ޖީއެމްއާރު ކުންފުންޏަށް އެއްފަހަރާ 271 މިލިއަން ޑޮލަރު ދައްކަން ޖެހުމުގެ ސަބަބުން، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމުގެ ޚަރަދު ކުޑަކުރެއްވުމަށް ނިންމެވިނަމަވެސް އެމްއޭސީއެލްގެ އެއްވެސް މުވައްޒަފަކަށް އެކަމުގެ ނޭދެވޭ އަސަރު ނުކުރާނޭކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ޢާދިލް މިހެން ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބޭއްވި އެމް.ޑީ ނައިޓްގައި އެކުންފުނީގެ މުވައްޒަފުންނާ މުޚާތަބްކުރައްވައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރެއްވުމަށް އަށްސަތޭކަ މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް މިހާރުވެސް ފަށްޓަވާފައިވާއިރު، ޖީއެމްއާރަށް އެއްފަހަރާ އެވަރުގެ ބޮޑު އަދަދެއް ދައްކަން ޖެހުމަކީ ކުންފުންޏަށް ކުރިމަތިލާން ޖެހުނު ގޮންޖެހުމެއްކަމަށެވެ. އެމްއޭސީއެލް ހިންގުމުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވަމުން އާދިލް ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކުރެއްވުމަށް ނިންމެވިނަމަވެސް އެކަމުގެ ނޭދެވޭ އަސަރު މުއައްޒަފުންނަށް ނުކުރާނޭކަމަށެވެ. މިގޮތުން ކުންފުނިން މުއައްޒަފުންނަށް ދެމުންއަންނަ މުސާރައާއި އެލަވަންސް ކުޑަ ނުވާނޭކަން އާދިލް ފާހަގަކުރެއްވިއެވެ. އާދިލް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ޚަރަދު ކުޑަކުރުމުގެ ހަރުދަނާ އުސޫލްތަކެއް ޤާއިމްކުރެއްވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއްކަމަށެވެ.

img:http://s3.psmnews.mv/images/660x400/14604326574690.jpg|އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް /

އާދިލް ވިދާޅުވީ، ކުންފުނީގެ ރިޒާވުން ޖީއެމްއާރަށް އެއްފަހަރާ ބޮޑު އަދަދެއް ދައްކަވަން ޖެހުނުނަމަވެސް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުއަށް އެއްވެސް މަޑުޖެހުމެއް ނާންނާނޭކަމަށެވެ. މިގޮތުން އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫއު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނޭކަމަށް އާދިލް ވިދާޅުވިއެވެ. އާދިލް ވިދާޅުވީ ޖީއެމްއާރު ކުންފުންޏަށް ބަދަލެއްގެ ގޮތުގައި އެވަރުގެ ބޮޑު އަދަދެއް އެމްއޭސީއެލްގެ އެކައުންޓުން ދެއްކުމުން ކުންފުނީގެ ހައިބަތު ވަރަށް ރަނގަޅަށް އެނގިގެންދާކަމަށެވެ. މިއީ ކުންފުންފުންޏަށް ލިބިގެންދިޔަ ވަރަށްބޮޑު ފަހުރެއްކަމަށް އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ބޭއްވި އެމްޑީ ނައިޓްގައި އާދިލް ވަނީ، ކުރިއަށްއޮތްތަނުގައި މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެކަން ހާމަކުރައްވާފައެވެ. މިގޮތުން އަންނަ އަހަރުވެސް މުވައްޒަފުން ތަމްރީން ކުރެއްވުމުގެ ފަންސާސް ފުރުސަތު ހުޅުވާލައްވާނޭކަމަށް އާދިލް ވިދާޅުވިއެވެ.

އެމްޑީ ނައިޓްގަ ވަނީ އެމްއޭސީއެލްއަށް އެކިގޮތްގޮތުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންނަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ދެއްވާ ޚާއްސަ އެވޯޑްތައް ދެއްވާފައެވެ. މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.