ދިރާގު ސަބްމެރިން ކޭބަލްގެ މުހިއްމު މެއިންޓެނަންސް މަސައްކަތަކަށް 'އާސިއާން އެކްސްޕްލޯރާ' ރާއްޖެ އަތުވެއްޖެއެވެ.
ދިރާގު ޑޮމެސްޓިކް ސަބްމެރިން ކޭބަލް ނެޓްވަރކް ޤާއިމުކުރުގެ މަޝްރޫޢަކީ ފަހަކަށް އައިސް އެ ކުންފުނިން ހިންގި އެންމެ ބިޔަ އެއް މަޝްރޫއުއެވެ. 27 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ދޭތެރޭ އެއްހާސް ދުއިސައްތަ ފަންސާސް ތިން ކިލޯމީޓަރުގެ ކޭބަލް އަޅައި، ރާއްޖޭގެ 8 ސަރަޙައްދެއްގައި ލޭންޑިން ސްޓޭޝަން ޤާއިމުކޮށްފައިވެއެވެ.
ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިރާގު ސަބްމަރިން ކޭބަލު މެދުވެރިކޮށް ލިބިދިނުމަށް ކަމަށް ޤާބިލު ކުންފުނިތަކާއި ވަނީ ސަރވިސް އަދި މެއިންޓެނެންސް ކޮންޓްރެކްޓް ހަދާފައެވެ. މިއަދު ރާއްޖެ އައި 'އާސިއާން އެކްސްޕްލޯރާ' އޭ ކިޔާ ކޭބަލް ރިޕެއަރ ބޯޓެއް މިއައީސްވެސް މިގޮތުން ހަދާފައިވާ އެގްރިމަންޓެއްގެ ދަށުންނެވެ. އދ. އަތޮޅާއި ލ. އަތޮޅާ ދެމެދު އަޅާފައިވާ ސަބްމަރިން ކޭބަލްގެ މަރާމާތުކުރުމުގެ މަސައްކަތްތަކެއް މިބޯޓުގެ އިންޖިނިއަރުންނާއި ދިރާގުގެ އިންޖިނިއަރުން ގުޅިގެން ކުރުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ. މިމަސައްކަތްތައް ކުރުމަށް ބޯޓު ވަނީ ލ. އަތޮޅަށް ފުރާފައެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހައަކުން ސާދަވަނަ ދުވަހަށްކަމަށް ދިރާގުން ބުނެއެވެ.
މިމަސައްކަތް ކުރަމުން ދާއިރު ތ، ލ، ގއ، ގދ، ޏ އަދި ސ. އަތޮޅުގައި ދިރާގުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ހައި ސްޕީޑް ނެޓްވަރކް ރޯލްއައުޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިމެނޭ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާލާފައިވަނީ 2012 ވަނަ އަހަރުއެވެ.