ރިޕޯޓް

މިއަދަކީ ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސް


މުސްލިމުން އެންމެ ލޯބިވާ އިންސާނަކީ ކީރިތި ރަސޫލު މުޙައްމަދު (ޞ.ޢ.ޥ). އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ މީގެ ސާދަސަތޭހަ އަހަރު ކުރިންނެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތް ﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެ ފާނު، އެކަލޭގެފާނާ މާތް ﷲ ޙަވާލުކުރެއްވި ރަސޫލުކަން ފުރިހަމަ ކުރައްވައި، އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުން އިސްލާމް ދީން ފުރިހަމަކޮށްދެއްވައި ދުނިޔެ ދޫކުރެއްވީއްސުރެ މުސްލިމުން އަންނަނީ އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަކުރަމުންނެވެ.

ކީރިތި ރަސޫލާއަކީ ޤުރައިޝުވަންހައިގެ ހާޝިމީ ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު ފެށެނީ ސަލާމްލެއްވި އިބްރާހީމުގެފާނުންގެ ދަރިކަލުން ސަލާމުލެއްވި އިސްމާޢީލުގެފާނާ ހަމައިންނެވެ. ބައްޕާފުޅު ޢަބްދުﷲ ގެފާނަކީ، ހާޝިމުގެފާނުންގެ ޢަބްދުލް މުއްޠަލިބުގެފާނުންގެ ދަރިކަލެކެވެ. މައިކަމަނާއަކީ ޤުރައިޝުވަންހައިގެ ޒަހްރަތު ދަރިކޮޅުގެ ޢަބްދު މަނާފުގެ ވަހަބުގެ އާމިނަތުގެފާނުއެވެ.

މުސްލިމުން އެންމެ ލޯބިވާ އިންސާނާ، ކީރިތި ރަސޫލު މުޙައްމަދު (ޞ.ޢ.ޥ) ޖާހިލުކަމާއި ޝިރްކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތްކުރެއްވި ވަރުގަދަ ރިސާލަތެއްގެ ބާނީއެވެ. ވަރުގަދަ އުއްމަތެއް ބިނާކުރައްވައި، އާރާސްތު ކުރެއްވި ވަރުގަދަ ޒަޢީމެވެ. ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލެއްވި ޙަޟާރަތެއްގެ މޭސްތިރިޔާއެވެ. އެކަލޭގެފާނު ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން، އިމާންކަން މުޅި  ދުނިޔެއަށް ޢާއްމުވެ، ސަލާމު ފެތުރި،  އެއްގަމަށާއި، ކަނޑުތަކަށާއި، އިންސާނުންނަށާއި، ޖިންނިންނަށާއި، ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް އަލިކަމާއި އަމާންކަމާއި އުފާވެރިކަން ލިބިގެން ދިޔަ. މާޔޫސްކަން ނެތިގޮސް އުއްމީދުގެ އަލިކަން ލިބުނެވެ.

ކޮންމެ އަހަރަކު ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކޮށް، އެކަލޭގެފާނުގެ ހަނދާންތައް އައުކުރާއިރު، ލޮބުވެތި ރަސޫލާގެ އިންސާނީ ވަންތަކަމާއި އަޚްލާޤީ މަތިވެރިކަން ފާހަގަކުރަންޖެހެއެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ރަނގަޅުކުރަންޖެހޭ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނާއަށެވެ. އެކަލޭގެފާނު، އަހްލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު އެމީހުންގެ ބުރަތަކާއި ދަތިތައް ތަޙައްމުލުކުރެއްވުމުގައި އެއްބާރުލުން ދެއްވިއެވެ. އެކަލޭގެފާނުންގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންނެވިއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވެވި. މެހެމާނުންނަށް ކަމޭ ހިއްތެވިއެވެ. އިޚްވާނުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތެވިއެވެ. ޣައިރު މުސްލިމުންނާ އެކުގައިވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރެއްވިއެވެ. ހުރިހާ ވަގުތެއްގައިވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ. ތެދުބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވި، ނިކަމެތީންނަށް އަޅައިލެއްވި ބޭކަލަކަށެވެ.

ލޮބުވެރތި ރަސޫލާ މުޙައްމަދު (ޞ.ޢ.ޥ) އަކީ ހުރިހާ މައިދާނެއްގައިވެސް ޖީނިއަސްއެކެވެ. ވެރިއެއްގެ ޙައިސިއްޔަތުން، އަޚްލާޤުގެ ޙައިސިއްޔަތުން، ދީނަށް ގޮވައިލެއްވި ރަސޭލުބޭކަލެއް ހައިސިއްޔަތުން، މުރައްބީއެއްގެ ހައިސިއްޔަތުން އެކަލޭގެފާނަކީ މަތިވެރި އިންސާނެކެވެ. އެއީ އެންމެ ނަމޫނަ އިންސާނާއެވެ. ކީރިތި ރަސޫލާގެ ޚުލުޤުފުޅާ ބެހޭގޮތުން، އެކަލޭގެފާނުންގެ އަނބިކަނބަލެއްކަމަށްވާ ޢާއިޝަތުގެފާނު ވިދާޅުވަނީ އެކަލޭގެފާނުންގެ ޚުލުޤުފުޅަކީ ކީރިތި ޤުރްއާންކަމަށެވެ.