ތުރުކީގެ އިސްތަންބުލްގައި ދިން ބޮމުގެ 2 ޙަމަލާއެއްގައި 29 މީހުން މަރުވެ، 166 މީހަކުޒަޚަމްވެއްޖެއެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފުރަތަމަ ޙަމަލާދީފައިވަނީ ތުރުކީގެ މަޝްހޫރު ދެ ޓީމެއްކުޅުނު ފުޓްބޯޅަ މެޗަށްފަހު އިސްތަންބުލްގެ ވޮޑަފޯން އެރީނާގެ ބޭރުގައެވެ. އަދިއޭގެ މިނެޓެއްހާއިރު ފަހުން އެސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ހުރި ޕާކެއްގައިދެވަނަ ބޮން ގޮއްވާލާފައިވަނީ ޓެރަރިސްޓަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައިކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މި ދެ ޙަމަލާ ދިންއިރު އާއްމުންގެ މާގިނަ ބަޔަކު އެސަރަޙައްދުގައި ނެތްނަމަވެސް، މިއީ ފުލުހުންނާއި ގިނަ އަދަދެއްގެ އާއްމުންނަށް އަމާޒުކޮށް ދިން ޙަމަލާތަކެއްކަމަށް ތުރުކީގެ އޮފިޝަލުން ތުހުމަތުކުރެއެވެ.
ތުރުކީގެ ރައީސް އެރްދޮޤާން ވިދާޅުވީ ފުޓްބޯޅަ މެޗަކަށްފަހު މިފަދަ ހަމަލާއެއް ބަޔަކު ދީފައިވަނީ އެތައްބަޔަކަށް ގެއްލުން ދިނުމުގެ މަޤްޞަދުގައި ކަމަށެވެ. "އެއްވެސް މީހަކަށްމާތް ﷲ ގެ އިރާދަފުޅާމެދު ޝައްކެއް ނުކުރެވޭނެ. އަހަރުމެން ޤައުމެއްގެ ގޮތުގައި ޓެރަރިޒަމްގެ މައްޗަށް ކުރި ހޯދާނަން.. އަދި އެމީހުންގެ ފަހަތުގައި ތިބި މީހުންވެސް ބަލިކުރާނަން" ޙަމަލާއާ ގުޅިގެން ތުރުކީގެ ރައީސް ދެއްވި ބަޔާނުގައިވިދާޅުވިއެވެ.
އިސްތަންބުލްގައި ދިން ޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވިޔަސް، ހައްދުފަހަނަ އަޅާފައިވާ އައި.އެސް ޖަމާޢަތުން ވަނީ ތުރުކީގެ ސިފައިންނާއި ސަލާމަތީ ބާރުތަކާއި ވިޔަފާރި މަރުކަޒުތަކާއި މީޑިއާ މަރުކަޒުތަކަށް ޙަމަލާތައް ދިނުމަށް އެޖަމާޢަތަށް ތާޢީދުކުރާ ފަރާތްތަކަށް ގޮވާލާފައެވެ.
ތުރުކީއަކީ އައި.އެސްދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ ކޯލިޝަންގައި ހިމެނޭ ޤައުމެކެވެ. އަދި އެޤައުމުންދަނީ ސީރިއާގައި އޮގަސްޓްމަހުން ފެށިގެން އައި.އެސް ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މީގެ އިތުރުން އެޤައުމުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށްވެސް ތުރުކީން ދަނީ ހަނގުރާމަ ކުރަމުންނެވެ.