ކުޅިވަރު

މޯލްޑިވްސް ފުޓްބޯލް އެވޯޑް އިއުލާންކޮށްފި


މޯލްޑިވްސް ފުޓްބޯލް އެވޯޑް އިއުލާންކޮށް، މިމަހުގެ 29 ވަނަ ދުވަހު ފުރަތަމަ އެވޯޑް ހަފްލާ ބާއްވަން ނިންމައިފިއެވެ. އެފްއޭއެމްއިން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މޯލްޑިވްސް ފުޓްބޯލް އެވޯޑަކީ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްއިން ހުށައެޅި ވަރަށް ރަނގަޅު ޕްރޮޕޯސަލްއެއްގެ މައްޗަށް ބިނާކޮށް ދެފަރާތުން ގުޅިގެން ބާއްވާ އެވޯޑެއްކަމަށެވެ.

" މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްއިން ވަރަށް ރަނގަޅު ޕްރޮޕޯސަލްއެއް ހުށައަޅާފަ އޮތީ ކުރިއަށް އޮތް ހަތަރު އަހަރަށް. އަހަރަކަށްވުރެ އަހަރެއް އެވޯޑްތައް ގިނަކޮށް ރަނގަޅުކުރަމުން ދާނީ. މިއަހަރުގެ އެވޯޑް މިމަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާފަ މިވަނީ. " ބައްސާމް ވިދާޅުވިއެވެ.

ދާދި ފަހުން ވުޖޫދަށް އައި ފުޓްބޯލް ޑޮޓްކޮމްގެ ފަރާތުން ޝިމާޒަ އަލީ ވިދާޅުވީ ފުރަތަމަ އަހަރު ދޭނީ ހަތަރު އެވޯޑް ކަމަށެވެ. ނަމަވެސް އަންނަ އަހަރު އެވޯޑް އިތުރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މިފަހަރު ހޮވަނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއާއި، އެންމެ މޮޅު ކޯޗާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއާއި، އެންމެ އުއްމީދީ ކުޅުންތެރިޔާއެވެ.

" މޮޅު ކުޅުންތެރިންނާއި ކޯޗު ހޮވާނީ ފުރަތަމަ ޑިިވިޝަންގެ ކޯޗުންނާއި، ކެޕްޓަނުންނާއި، ކުޅިވަރު ނޫސްވެރިންގެ ވޯޓުން. އެމީހުންނަށް ދޫކޮށްލާނީ ފަސް ކުޅުންތެރިން. ގަދަ ފަހެއް ހޮވާނީ ކޮންމެ މެޗެއް ނިމުމުން އެފްއޭއެމްއިން ފުރާ ފޯމްތަކަށް ބަލައިގެން. އެފޯމްތަކުގައި ދަނޑަށް ދާ ފުޓްބޯޅައިގެ މީހުންގެ ނަޒަރުގައި ގަދަ ފަހެއް އެބަ ފާހަގަކުރެވޭ. މެޗުތަކުގެ މޮޅު ކުޅުންތެރިންވެސް ބަލައިގެން ގަދަ ފަހެއް ހޮވާނީ. އޭރުން ވަރަށް އިންސާފްވެރިކޮށްދާނެކަމަށް ޤަބޫލުކުރެވެނީ. " ޝިމާޒް ވިދާޅުވިއެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމުގައި ބަލާނީ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ.

މީގެއިތުރުން ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގާނެކަމަށާއި، ގަދަ ފަހެއްގެ ތެރެއިން މޮޅު ކުޅުންތެރިން ކަނޑައަޅާނީ ކޮމިޓީންކަމަށް ޝިމާޒް ވިދާޅުވިއެވެ. އެކޮމިޓީއަށް މިހާތަނަށް ކަނޑައަޅުއްވާފައިވަނީ ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް ( އިންމަ ) އާއި، 19 އަހަރުން ދަށުގެ ޓީމްގެ ކޯޗު މުޙައްމަދު ޝާހިދު އާއި ކުރިން ބާސްކެޓާއި ފުޓްބޯޅައިންވެސް ފާހަގަކުރެވުނު އަދި ވެޓަރެންސް މުބާރާތް ހިންގެވުމުގައި މުޙިންމު ދައުރެއް އަދާކުރައްވާ އަބުދުﷲ އާމިރުއެވެ. މީގެއިތުރުން ކޮމިޓީގައި ހިމެނޭނީ ދެ ނޫސްވެރިންނެވެ.

މިއެވޯޑާއެކު ފައިސާގެ އިނާމެއް ނުދޭނެއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ބޮޑަށް ބަލަނީ ޝަރަފްވެރި އެވޯޑެއްގެ ގޮތުގައި ބާއްވަން ކަމަށާއި، ދުނިޔޭގެ އެހެން ގިނަ ތަންތަނުގައިވެސް އެކަން އޮންނަނީ އެގޮތަށްކަމަށެވެ. ކުރިއަށް އޮތްތާނގައި އަންހެން މޮޅު ކުޅުންތެރިޔާވެސް ހޮވާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސީޒަންގެ އެންމެ ގިނަ ލަނު ޖަހައިގެން ރަންބޫޓް ކަށަވަރުކޮށްފައިވަނީ ޓީސީގެ އަލީ ފާސިރެވެ. މޮޅު ކުޅުންތެރިޔާއަށްވެސް އެންމެ ބޮޑަށް ވާދަކުރާނެ އެއް ކުޅުންތެރިއަކީ އޭނާއެވެ. އެންމެ މޮޅު ކޯޗުގެ މަޤާމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމާއި، އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ވަރަށް ބޮޑަށް ވާދަކުރާނެކަމަށް ބެލެވެއެވެ. މީގެއިތުރުން ވާދަކުރާނެކަމަށް ބެލެވެނީ ލީގު ޗެމްޕިއަން މާޒިޔާގެ ކޯޗު އަލީ ސުޒޭނެވެ.