ދުނިޔެ

އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޓިލަރސަން


އެމެރިކާގެ ޙާރިޖީ ވަޒީރުކަމުގެ މަޤާމަށް ތެލުގެ ވިޔަފާރި ކުރާ އެކްސޯން ކޯޕަރޭޝަންގެ ސީއީއޯ އަދި ރަޝިޔާއާ ގާތްގުޅުމެއް އޮންނަ ރެކްސް ޓިލަރސަން އައްޔަންކުރަން ނިންމަވާފައިވާކަމަށް ޙަބަރުތައް ބުނެފިއެވެ. 

އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނާލްޑް ޓްރަމްޕް، ހާރިޖީ ވަޒީރުކަމުގެ މަޤާމަށް ޓިލަރސަން އައްޔަންކުރަން ނިންމަވާފައިވާކަމަށާއި، އެކަން އަންނަ ހަފްތާގެތެރޭގައި އިޢުލާންކުރައްވާނެކަމަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު އައްޔަންކުރަން ޓްރަމްޕް ނިންމާފައިވާކަމަށް ޙަބަރުތައް ފެތުރެން ފަށާފައި މިވަނީ، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރަޝިޔާއިން ނުފޫޒު ފޯރުވާފައިވާކަމަށް އެމެރިކާގެ ޖާސޫސީ ތަޖުރިބާކާރުން ހާމަކުރައްވާފައިވަނިކޮށެވެ. 

އުމުރުފުޅުން 64 އަހަރުގެ ޓިލަރސަންއަކީ އެކްސޯންގެ ވިޔަފާރީ ރަޝިޔާގައި ފުޅާކޮށްފައިވާ ބޭފުޅެކެވެ. އަދި ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅު ބޭފުޅެކެވެ. ރަޝިޔާގެ ރައީސް ޕުޓިން ވަނީ، ޤައުމުން ބޭރުގެ ރައްޔިތަކަށް ރަޝިޔާއިން އަރުވާ އެންމެ މަތީ ޝަރަފު "ރަޝިޔާސް އޯޑަރ އޮފް ފްރެންޑްޝިޕް"ގެ ލަޤަބު ޓިލަރސަން އަށް 2013 ވަނަ އަހަރު އަރުވާފައެވެ. 

img:http://s2.psmnews.mv/images/660x400/14814490587595.jpg|އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް އަންނާނެކަމަށް ބެލެވޭ ރެކްސް ޓިލަރސަން އާއި ރަޝިޔާގެ ރައީސް ޕުޓިން ބައްދަލުކުރައްވަނީ

ހޮނިހިރު ދުވަހު ޓްރަމްޕާއި ޓިލަރސަންއާ ދެމެދު ދެ ގަޑިއިރެއްހާއިރު ވަންދެން މަޝްވަރާތައް ކުރިއަށްދިޔަކަމަށް ޙަބަރުތައްބުނެއެވެ. މިއީ މިހަފްތާގައި ދެ ބޭފުޅުން ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. 

ޓްރަމްޕްގެ އަރިސް ބޭފުޅެއް ވިދާޅުވީ ހާރިޖީ ވަޒީރުކަމުގެ މަޤާމަށް ޓިލަރސަން ގެނައުން ވަރަށް ގާތްކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ތަރުޖަމާނު ވަނީ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމާ ގުޅޭގޮތުން ދައްކަވާ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމާ ގުޅޭ ނިންމެވުމެއް ނުނިންމާކަމަށެވެ.

ޓިލަރސަންގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކުރިން ވާދަކުރެއްވި މިޓް ރޮމްނީ އާއި ނިއުޔޯކް ސިޓީގެ ކުރީގެ މޭޔަރ ރުޑް ޖޫލިއާނީއަކީވެސް އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް އަންނާނެކަމަށް ބެލެވުނު ބޭފުޅުންނެވެ.