ތަރައްްޤީ

ބުރުޒު ކޭޓަރިންގއަށް 25 އަހަރު


ކެޓަރިންގެ ޚިދުމަތް ދެމުން އަންނަ ބުރުޒު އިންވެސްޓަމަންޓް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުނީގެ ރިހިޔޫބިލް ފާހަގަކޮށްފިއެވެ. މިކަމަށްޓަކައި ޣިޔާސުއްދީން ސުކޫލުގައި ވަނީ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާ ޝަރަފްވެރިކޮށްދީފައި ވަނީ ބުރުޒު އިންވެސްޓްމެންޓް ޕްރައިވޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލްޢަޒީޒްއެވެ. 

ބުރުޒު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ރިހިޔޫބިލް ފާހަގަ ކުރުމަށްޓަކައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން  އެ ކުންފުނީގެ ފުޑް އެންޑް ސަރވިސަސްގެ ޑިރެކްޓަރ މުޙައްމަދު ޝުޖާއު ވިދާޅުވީ ކުރިމަގުގައި މި ކުންފުނި އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކޭޓްރިންގެ ދާއިރާގެ އިތުރު ކަންތައްތަކުގައި އިންވެސްޓްކުރުމާއި އެހެން ދާއިރާތަކުން އިންވެސްޓްކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުގައި ހުޅުމާލޭގައި އާ އައުޓްލެޓްތަކެއް ހުޅުމަށް ނިންމާފައިވާ ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ޝުޖާއު ވިދާޅުވީ، އަންނަ އަހަރު އާ ވެބްސައިޓެވެސް ލޯންޗް ކުރާނެ ކަމަށެވެ.

10 ޑިސެމްބަރ 1991 ވަނަ އަހަރު ގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، ޒަކީ ބުރުޒުގެ ނަމުގައި މަޝްހޫރުވެފައިހުރި ޢިމާރާތެއްގައި ބުރުޒު ހޮޓާގެ ނަމުގައި ކޭޓްރީންގެ މަސައްކަތް ފެށީ 35 މުވައްޒަފުންނާއި އެކުއެވެ. ނަމަވެސް މިހާރު 200 އަށްވުރެ ގިނަ މުވައްޒަފުން 14 ގޮތްޕެއްގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ބުރުޒުގެ ރިހިޔޫބިލް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވަނީ ކުންފުންޏައް އެކި ގޮތްގޮތުން އެހީވެދިން ފަރާތްތަކަށާއި ސަޕްލަޔްރުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައެވެ. އަދި ގިނަ ދުވަސްވީ މުވައްޒަފުންނާއި ބުރުޒުގައި މަސައްކަތްކުރާތާ 10 އަހަރުވާ ކޮންމެ މީހަކަށްދޭ އުމްރާ ދަތުރުވެސް ވަނީ މި ޙަފްލާގައި ދީފައެވެ.

މަހެއްގެ މަށްޗައް ގާތްގަނޑަކަށް އެއްލައްކަ ފަންސާސްހާސް ކަސްޓަމަރުންނަށް ޚިދުމަތްދޭ ބުރުޒު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ކޭޓްރިންގެ ޚިދުމަތް ދިނުމުގައި ފާހަގަކޮށްލެއްވޭ އެއް ކުންފުންޏެވެ.