ކުޅިވަރު

ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ވެލެންސިޔާއަށް އުނދަގޫތަކެއް


އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ވެލެންސިޔާއަށް އުނދަގޫތަކެއް ގިރާކުރަން ޖެހިއްޖެއެވެ.

އޭއެފްސީއިން ޤަވާއިދަށް ގެނައި ބަދަލާއެކު ވެލެންސިޔާއަށް ގްރޫޕް ސްޓޭޖަށް ކޮލިފައުވަށް ފުރަތަމަ ޖެހޭނީ ޕްލޭ އޮފް ދެ ބުރު ކާމިޔާބުކުރާށެވެ. ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ އެފްސީއާ ވާދަކުރަން ވެލެންސިޔާ ޖެހުނުއިރު މިމެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖަށް ދިއުމަށް ދެން ވާދަކުރަން ޖެހޭނީ މޯހަން ބަގާންއާ ކޮލޮމްބޯ އެފްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

 އަލަށް ގެނައި ބަދަލާއެކު ރާއްޖެ ހިމެނެނީ އީސްޓް ޒޯންގެ ސަބް ޒޯނެއް ކަމަށްވާ ސައުތު ޒޯންގައެވެ. ސައުތު އޭޝިއާގެ ޤައުމުތައް ހިމެނިފައިވަނީ މި ގްރޫޕްގައެވެ. އެގޮތުން މިގްރޫޕްގައި ހިމެނެނީ ލީގު ޗެމްޕިއަން މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ އަލްބާނީ ޑާކާ ލިމިޓެޑާ، އިންޑިއާގެ ބެންގަލޫރޫ އެފްސީ ނުވަތަ ކިންގްފިޝަރ އީސްޓް ބެންގާލް ޓީމްއެވެ. މިގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފް މެޗްތަކުން މޮޅުވާ ޓީމަކަށެވެ. އެހެން ކަމުން ރާއްޖޭގެ ވެލެންސިޔާ ގްރޫޕް ސްޓޭޖަށް ކޮލިފައިވެއްޖެ ނަމަ މާޒިޔާއާ އެއްގްރޫޕެއްގައި ވާދަކުރަން ޖެހޭނެއެވެ. 

 އޭއެފްސީއިން ގެނައި މިބަދަލާއެކު ރާއްޖެ ހިމެނޭ އީސްޓް ޒޯންއިން ފައިނަލަށް އެއްޓީމް ދާނީ ވެސްޓް ޒޯންގެ ޓީމަކާ ކުޅެން ނުޖެހިއެވެ. ވެސްޓް ޒޯންގައި ހިމެނެނީ އޭޝިއާގެ ގަދަ ބާރުތަކެވެ. ފައިނަލްގައި ވާދަކުރާނީ އީސްޓް ޒޯންގެ ޓީމަކާ ވެސްޓް ޒޯންގެ ޓީމެކެވެ.