ޚަބަރު

މަހުގެ އުފެއްދުންތައް އުފައްދާ ކާރުހާނާތައް ޤާއިމްކުރައްވަނީ


ސަޢުދީ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަހުގެ އުފެއްދުންތައް އުފައްދާ ކާރުޚާނާތަކެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ގއ. ގެމަނަފުށީގައި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރަށް ރޯމަސް ބޭރުކުރުމަށްވުރެ، މަހުގެ އުފެއްދުންތައް ރާއްޖޭގައި އުފައްދަން މަސައްކަތްކުރަންޖެހޭކަމަށެވެ. އެގޮތުން މަހުގެ އުފެއްދުންތައް އުފައްދާ ކާރުޚާނާތަކެއް އަންނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ސައޫދީ ސަރުކާރުގެ އެހީތެރިކަމާއެކު ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށްޓަވަން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަތްވާ ވާރޭގައި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ރާއްޖެއާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ހަޤީގަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން މަސްވެރިންކަމުގެ ސިނާޢަތަށްވެސް ނޭދެވޭ އަސަރުކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި ގޮންޖެހުންތަކެއް ނެތިއްޔާ އެއްވެސް ސިނާޢަތަކީ ހިތްވަރާއެކު އެސިނާޢަތުގައި ބަޔަކު މަސައްކަތް ކުރާނެ ސިނާއަތަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ނަމަވެސް ސަރުކާރުން މިދަނީ އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އެންވެރިކަން ކުރިއަރުވައި އާލާކުރުމަށް ސަރުކާރުން އަގުބޮޑު ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ. 

ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ނެރުއްވި ޚާއްސަ ސްޓޭމްޕް ސެޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވިއެވެ.