މިފްކޯގައި ހުރި މަސްވެރިންގެ ދަރަނިތައް ރޭގެ ނިޔަލަށް ސަރުކާރުން ދައްކަވައި ޚަލާޞްކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގެމަނަފުށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްވެރިންގެ ލާބައާއި ކުރިއެރުމަށްކަމަށެވެ. މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަކީ ސަރުކާރުން ވަރަށް އަހަމިއްޔަތުކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ، މިފްކޯގައި އޮތް މަސްވެރިންގެ ދަރަނި ސަރުކާރުން މިހާރު ޚަލާސްކޮށްދީފައިވާކަމަށެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފަދަ އިޝާރާތެއް މިނިސްޓަރ ޝައިނީ ދެއްވާފައިވާއިރު، މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝައިނީ ވިދާޅުވީ، މަސްވެރިންގެ ދަރައްޏެއް މިފްކޯގަ އޮތްނަމަ، ރޭގެ ނިޔަލަށް އެ ދަރަންޏެއް ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ.
މި ޖަލްސާގަ އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރަށް ތިން އަހަރު ފުރިގެންދިޔައިރު، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށެވެ. ޝައިނީ ވިދާޅުވީ، މަސްވެރިންނަށް ފަސޭހަ ކޮށްދެއްވުމުގެ ގޮތުން ކަނދުފަތި އެޅުމާއި، ހަލާކުވާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތްތައް ނިންމުމުގައި ވޭތުވެދިއަ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.
އެމަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ، ވޭތުވެދިއަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ލިބުނު ނަފާ އެކިގޮތްގޮތުން އިތުރުވެގެން ގޮސްފަވާކަމަށެވެ.
ޝައިނީ ވިދާޅުވީ، މަސްވެރިންނަށް ފަސޭހަގޮތެއްގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހެއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
މިޖަލްސާގައިވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުން ފާހަގަކޮށްލެވުނު އަދި އެދާއިރާއަށް އެންމެ ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވި ހަތްފަރާތްތަކަށް ހާއްސަ އެވޯޑް ދެއްވާފައެވެ. މިހުރިހާ ފަރާތްތަކަށްވެސް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމިންއެވެ.
މިފަހަރުގެ މަސްވެރިކަމުގެ ހާއްސަ އިނާމް ލިބުނީ ގއ ކަނޑުހުޅުދޫ ރަޝީދު އަބުދުﷲ އަށް.މަސްވެރިކަމުގެ ސިނާއަތުގެ އެންމެ ޒުވާން ޚިދުމަތްތެރިޔާގެ އެވޯޑް ލިބުނީ، ގއ ގެމަނަފުށީ ޖަވާހިރުމާގޭ ހަސަން ޒަމީރަށް.ދެހާސް ފަނަރަވަނަ އަހަރުގެ ކޭމްބްރިޖް އިމްތިހާނުން މެރިންސައިންސް މި މާއްދާއިން އެއްވަނަ ހޯދުމާއި ގުޅިގެން ހއ އަތޮޅު ތައުލީމީ މަރުކަޒަށް އެވޯޑް ލިބުނުއިރު،ވޭތުވެދިއަ އަހަރުގެ ތެރޭ އެންމެ ގިނަ އަދަދަކަށް މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވަނީ މިފްކޯ.މި މުއްދަތުގެ ތެރޭގައި ދިރުންހުރި މޫދުގެ ބާވަތްތައް ވިއްސާ އާލާކޮށް ބޭރުކޮށްފައިވަނީ، އަހުމަދު އިބްރާހީމް ޑޯރޭސިވިލާ ރ ކަނދޮޅުދޫ.މަސްވެރިކަމުގެ ތަފާސްހިސާބުތައް ފޮނުވުމަށް ކަނޑައަޅާފައިވާ އުސޫލްތަކާއިއެއްގޮތަށް ދުވަހުން ދުވަހަށް މަސްވެރިކަމުގެ ވުޒާރާއަށް އެންމެ ރަނގަޅަށް ފޮނުވާފައިވާ ދޯންޏަކީ، ހދ މަކުނުދޫ އާއިލާ ދޭއް.ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ރަނގަޅު ޙިދުމަތެއް ކޮށްދެއްވި އެންމެ ރަނގަޅު ބައިނަލްއަޤްވާމީ ޖަމިއްޔާއަކަށް ދޭ އެވޯޑް ހޯދީ އިންޓަރނެޝަނަލް ޕޯލް އެންޑް ލައިން.