ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
ފޭދޫފިނޮޅުގައި 23 ދުވަހުގެ މުއްދަތަށް ހިންގި މި ތަމްރީން ޕްރޮގްރާމަކީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ ފުލުހުންނަކީ ދިމާވެދާނެ ކޮންމެފަދަ ހާލަތެއްގައިވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރަން ތައްޔާރަށް ތިބެންޖެހޭ ބަޔަކަށްވުމާއެކު އެކަމަށް ބޭނުންވާ ތަމްރީނާއި ހުނަރުތައް ދަސްކޮށް ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ހިންގި ތަމްރީން ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްތަކުގެ ޔުނިޓްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ބައިވެރިވި މި ތަމްރީން ޕްރޮގްރާމުގައި އެއްވުމެއް ރޫޅާލައި އެތަން އާއްމު ހާލަތަކަށް ގެނައުމަށާއި އެއްވާ މީހުންގެ ތެރެއިން މަސްލަހަތު ނަގާލައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ އުކުޅުތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފޭދޫފިނޮޅުގައި ހިންގި މި ތަމްރީން ޕްރޮގްރާމަކީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން އެޑިޕާޓްމަންޓުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ. އަދި އަންނަ އަހަރުވެސް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަށް އިތުރު ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައެވެ.