ތަރައްްޤީ

އެމްޕީއެލްގެ މަސައްކަތަށް އައު އުޅަނދުތަކެއް ގެންނަވައިފި


ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގެންދަވަނީ ތަފާތު 570 އަށްވުރެ ގިނަ މަޝްރޫޢު އެކި ރަށްރަށުގައި ހިންގަވަމުންނެވެ. މިމަޝްރޫޢުތަކަށް ބޭނުންވާ، އެކިއެކި ސާމާނާއި، ވިޔަފާރިވެރީގެ ބޭނުންތަކަށް ގެންނަ އަގުހުރި މުދާ ފަދަ ތަކެތި މިދިޔަ ތިން އަހަރުގެ ތެރޭގައި އެތައް ގުނައަކަށް އިތުރުވެފައިވާއިރު، މިހުރިހާއެއްޗެއް ރާއްޖެއަށް އެތެރެކުރަނީ، މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަލަހައްޓަވަމުން ގެންދަވާ މާލޭ ވިޔަފާރި ބަނދަރަކީ ކޮންމެ ދުވަހަކު ރާއްޖެ ގެންނަ އެތަށް މުދަލެއް ބާލާމުންދާ ތަނަކަށް ވާއިރު، މުދާ އަރުވާ ބޭލުމުގެ އެމަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ވެހިކަލްތަކާއި މެޝިނަރީޒް ނެތުމަކީ ވިޔަފާރި ބަނދަރުން ފޯރުކޮށްދޭ ޚިދުމަތްތައް ހަލުއިކޮށް ތަރައްޤީކުރުމަށް ދިމާވެފައިވާ ވަރަށްބޮޑު ހުރަހެކެވެ.މިކަން ހައްލުކުރެއްވުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިހާރު މިވަނީ، ކޮންޓެއިނަރ ކްލިއަރ ކުރުމާއި، އެހެނިހެން މުދާ ބޭލުމަށް ބޭނުންވާ އުޅަނދުތައް ގެނައުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ.

140 މިލިޔަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ދަށުން ވިޔަފާރި ބަނދަރަށް ބޭނުންވާ އެންމެ މުހިއްމު އުޅަނދުތައް މިހާރު މިވަނީ ގެނެސްފައެވެ. ޗައިނާގެ ކުންފުންނެއް މެދުވެރިކޮށް ގެނައި މި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ހަ ރީސްޓިކާ އާއި، ދެ އެމްޓީ ހޭންޑްލަރ އާއި ދެ ފޯކްލިފްޓް ގެނެސް އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މީގެ ކުރިން ދުވާލަކު 250 ކޮންޓެއިނަރ ކްލިއަރ ކުރުމަށް އެމް.ޕީ.އެލަށް ރިކްއެސްޓް ލިބެމުންދާއިރު، މިދިޔަ ފަނަރަ ނުވަތަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރަމުންދަނީ އެންމެ ދެ ރީސްޓިކަރ ކަމަށް އެމް.ޕީ.އެލުން ވިދާޅުވެއެވެ. އޭގެ ސަބަބުން ޚިދުމަތް ދިނުމުގައި ލަސްވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.

img:http://s2.psmnews.mv/images/660x400/14825724350813.jpg|އެމްޕީއެލްގެ މަސައްކަތްތަކަށް އަލަށް ގެންނެވި އުޅަނދުތައް

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، އަލަށް ގެނައި އުޅަނދުތަކާއެކު ވިޔަފާރި ބަދަރުގެ މަސައްކަތްތައް ފުޅާވެ އިތުރަށް އަވަސްވެގެންދާނެކަމަށެވެ. އަދި މިއުޅަނދުތަށް އަންނަހަފްތާއިން ފެށިގެން ބޭނުން ކުރަން ފައްޓަވާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ބަނދަރުން ދެމުން މިގެންދާ ޚިދުމަތުގައި ހަމަ ދަންނަވާނީ، 40 ޕަސެންޓް އިތުރުވެގެންދާނޭ، ލުއިވެ ފަސޭހަވެގެންދާނޭ. އެހެންވީމަ ބޯޓުފަހަރު ހުސްކުރުމާއި، އަދި ރައްޔިތުންނަށް އެފަރާތްތަކުގެ މުދާ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑުތަން ލުއިވެގެން، އަވަސްވެގެންދާނެ" ޖުނައިދު ވިދާޅުވިއެވެ. 

ޚިދުމަތުގައި ބޭނުންކުރެއްވުމަށް އައު އުޅަނދުތަކެއް ގެނެސް އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންގެންދާއިރު، އެފަދަ އުޅަނދުތަށް ގިނަ ދުވަހު ބޭނުންކުރެވޭ ގޮތަށް ރައްކާތެރި ގޮތުގައި ބެލެހެއްޓާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމް.ޕީ.އެލުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އުޅަނދުތައް ބަލަހައްޓާނެ ތަޖުރިބާކާރު މީހުން ހޯދައި، ތިލަފުށީގައި ވޯކްޝޮޕެއް ގާއިމުކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައި ސީ.އީ.އޯ ޖުނައިދު ވިދާޅުވިއެވެ.

"ތިލަފުށީގައި އަޅުގަނޑުމެން މި ގާއިމުކުރާ ވޯކްޝޮޕަކީ މި ތަކެތި ބަލަހައްޓަން ތައްޔާރުކުރާ ޒަމާނީ ފެންވަރުގެ ވޯކްޝޮޕެއް. އެންމެ މުހިންމުކަމަކީ، މި ގެނައުމަށްވުރެ މުހިއްމު މިއެއްޗިހި ބަލަހައްޓާނެ ގޮތެއް ރޭވުން. އެހެންވީމަ އެމަސައްކަތް މިހާރު މިވަނީ ތިލަފުށީގައި ފެށިފައި" ޖުނައިދު ވިދާޅުވިއެވެ. 

މި ޕްރޮޖެކްޓްގެ ދަށުން ގެންނަވާ އިތުރު އުޅަނދުތައް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް އެމް.ޕީ.އެލުން ވިދާޅުވެއެވެ. އަލަށް ގެނައި އުޅަނދުތަކާއެކު އެމް.ޕީ.އެލުން މާލޭ ވިޔަފާރި ބަނދަރުގައި ދެއްވާ ޚިދުމަތްތަކަށް ހެޔޮބަދަލެއް އަންނާނެކަމުގެ ޔަގީކަން އެކުންފުނިންދެއްވައެވެ.