ޚަބަރު

އަނިޔާވި ފުލުސްމީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަނީ


ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށި ކައިރިން ވެހިކަލް ޗެކްކުރުމުގެ މަސައްކަތްކުރަމުންދަނިކޮށް ސައިކަލަކުން ޖެއްސުމުގެ ސަބަބުން އަނިޔާވި ފުލުސްމީހާއަށް އިތުރުފަރުވާ ދިނުމަށްޓަކައި އިންޑިއާއަށް ފޮނުވަން ނިންމައިފިއެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން އަނިޔާވެފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢުއަށެވެ. ރޭ 9:45 ހާއިރު ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް ފުލުސްމީހާގެ ގައިގާ ޖެއްސުމުގެ ސަބަބުން އޭނާގެ ކަނާތު ފައިގެ ކުޑަހުޅު ނެއްޓި ކަށިގަނޑުން ބައެއް ބިންދައިންގެން ގޮސް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ.

އޭނާއަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވުމަށް ނިންމާފައިވަނީ ފައިގެ އޮޕަރޭޝަނެއް ކުރުމަށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާކަމަށް ޕޮލިހުން ވިދާޅުވެއެވެ. 

މީގެކުރިންވެސް މަގުމަތީގައި ޑިއުޓީގައި އުޅުނު ފުލުހުންގެ ގައިގާ ސައިކަލުން ޖެއްސުމުގެ ހާދިސާތައް ހިނގާފައިވާއިރު މިފަދަ ހާދިސާއެއްގައި ފުލުހަކަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.