ކުޅިވަރު

ނޭޕާލް ބަލިކޮށް ރާއްޖެ ތިންވަނަ ހޯދައިފި


ނޭޕާލް ބަލިކޮށް ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ ތިންވަނަ ރާއްޖެ ހޯދައިފިއެވެ. 

މުބާރާތުގެ ތިންވަނަ ހޮވުމަށްޓަކައި މިއަދު ކުޅުނު މެޗް ރާއްޖޭގެ ޓީމް ކާމިޔާބުކޮށްފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ.  މިމެޗަށް ނިކުތްއިރު ރާއްޖެވަނީ މުބާރާތުގެ ފަހު މެޗްތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިއަދު މެޗްގެ ފުރަތަމަ ސެޓް ރާއްޖެ ކާމިޔާބުކޮށްވައިވަނީ 22-25 އިންނެވެ. މެޗްގެ ފުރަތަމަ ސެޓްގައި ރާއްޖެއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ، ނަމަވެސް ލީޑް ފުޅާކުރުމަށް ލިބިންދިޔަ ގިނަ ފުރުސަތުތަށްވަނީ ބޭކާރުވެފައެވެ. ދެވަނަ ސެޓްގައި ރާއްޖެއިން މޮޅު ކުޅުމެއްދައްކާ ތަފާތު ބޮޑު ނަތީޖާއަކުން ސެޓް ކާމިޔާބުކުރިއެވެ. މެޗްގެ ދެވަނަ ސެޓް ރާއްޖެ ކާމިޔާބުކޮށްފައިވަނީ 14-25 އިންނެވެ. 



މެޗްގެ ތިންވަނަ ސެޓްގައި ރާއްޖެއަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ. ތިންވަނަ ސެޓްގައި ރާއްޖެއަށް ފެށުންވެސް ދިޔައީ ގޯސްކޮށްކަން ފާހަގަކޮށްލެވެއެެވެ. ތިންވަނަ ސެޓްގައި ރާއްޖެއަށް ނޭޕާލްގެ މައްޗަށް ލީޑް ހޯދިފައެއްވެސް ނުވެއެވެ. ރާއްޖެއަށް ނޭޕާލްއަށް އެންމެ ކައިރިކުރެވުނީވެސް ދެ ޕޮއިންޓަށެވެ. މެޗްގެ ތިންވަނަ ސެޓް ނޭޕާލް ކާމިޔާބުކޮށްފައިވަނީ 19-25 އިންނެވެ. މެޗްގެ ހަތަރުވަނަ ސެޓް ރާއްޖެ ކާމިޔާބުކޮށްފައިވަނީ 11-25 އިންނެވެ.

 މެޗަށް ފަހު ގައުމީ ވޮލީ ޓީމްގެ ކެޕްޓަން އިޝާން މުހައްމަދުބުނީ މިއީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށެވެ. ހާއްސަކޮށް ފައިނަލްގެ ފުރުސަތު ގެއްލުމާއެކު، މުބާރާތުގެ ތިންވަނަ ހޯދުމަށް މިމެޗްގައި ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށްލެވޭކަމަށް ކެޕްޓަން އިޝާން މުހައްމަދު ބުންޏެވެ.



 މިމުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެ ނާޕާލާ ވާދަކޮށް ބަލިވެފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ. ދެވަނަ މެޗްގައި ރާއްޖެ ބަލިވެފައިވަނީ ކިރިގިސްތާންއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ، އަދި އަފްގާނިސްތާންއާ ވާދަކުރި މެޗް ރާއްޖެ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ލީގު ބުރުގެ އެންމެ ފަހު މެޗްގައި ރާއްޖެ ބަލިވެފައިވަނީ މުބާރާތް ބައްވާ ގައުމްކަމުގައިވާ ބަންގްލަދޭޝްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. 

 މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ކިރިގިސްތާނާ ވާދަކޮށް ހޯދީ ބަންގްލަދޭޝްއެވެ.