ތަރައްްޤީ

ނިޒާމްބެއަށް ޓީސީއަކުން ނުދެވޭނެ - ޓީސީ


ޓީސީ ފުރަތަމަ ޑިވިޝަނަށް ގެނެސްދީ، ފުރަތަމަ ދެ ސީޒަންގައިވެސް ކާމިޔާބު ހޯދައިދިން ކޯޗު މުޙަންމަދު ނިޒާމް،

( ނިޒާމްބެ ) އަށް ޓީސީ ދޫކޮށްލާފަ ނުދެވޭނެކަމަށް އެކްލަބުން ބުނެފިއެވެ. ކްލަބްގެ މެނޭޖަރ ވިދާޅުވީ ނިޒާމްބެއަކީ ޓީސީގެ މީހެއްކަމަށާއި، އެހެން މީހަކާ މެދު ނުވެސް ވިސްނާކަމަށެވެ. އަދި ކްލަބް ދޫކޮށްލާފަ ނުދާނެކަމުގެ ޔަޤީންކަންވެސް އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު އަހަރެއްގައި ކްލަބްގައި މަޑުކުރަން އިއްޔެ ނިޒާމްބެ ވަނީ ސޮއިކޮށްފައެވެ. ފުރަތަމަ ޑިވިޝަންގައި ޓީސީ ހޭދަކުރި ފުރަތަމަ ދެ ސީޒަންގައިވެސް ޓީސީން ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. ނިމިގެންދިޔަ އަހަރު ޓީސީ ވަނީ އެފްއޭކަޕާއި، ޕްރެޒިޑެންޓްކަޕްގެ ފައިނަލްގައިވެސް ކުޅެފައެވެ. އެއާއެމު ނިމިގެންދިޔަ ސީޒަންގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ތިން ކޯޗުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. 2015 ވަނަ ސީޒަންގައިވެސް ނިޒާމް ވަނީ އެމަޤާމަށް ވާދަކޮށްފައެވެ. 

ކޯޗު ނިޒާމް ކްލަބްގައި މަޑުކުރި ނަމަވެސް މިދިޔަ ސީޒަންގައި ކްލަބާއި ގުޅި، ސީޒަންގެ ކާމިޔާބީގައި މުޙިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންކަމަށްވާ އަލީ ފާސިރު ( ސެންޓޭ ) އާއި، އަހުމަދު އަބުދުﷲ ( ލިލީ ) ވަނީ ކްލަބް ދޫކޮށް އެނބުރި ނިއުއަށް ބަދަލުވެފައެވެ. ކުޅުންތެރިން ހޯދުމާއި ގުޅޭގޮތުން ޑޭވް ވިދާޅުވީ ފުރަތަމަ މަޑުން ތިބީ އެހެން ކްލަބްތަކުންނާއި، ކުޅުންތެރިން ހަދާގޮތް ބަލަން ކަމަށެވެ. 

" ދިޔަ ކުޅުންތެރިންގެ ބަދަލުގައި އެތަންތަން ފޫބައްދަން ރާއްޖެއިންނާއި ބޭރުން ކުޅުންތެރިން ގެންނާނަން. " ޓީސީގެ މެނޭޖަރ ވިދާޅުވިއެވެ.